މި ސަރަޙައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ އަސަރުކޮށް، އާދަޔާއި ޚިލާފަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އަވައްޓެރި ސްރީލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮލޮޖީން އެޤައުމަށް ރެޑް އެލާޓް ނެރެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކި ހިސާބުތަކަށް އާދަޔާއި ޚިލާފަށް ވައިގަދަވާނެ ކަމަށާއި، ދަތުރުފަތުރު ކުރުމަށް ނުރައްކާވާ ވަރަށް ކަނޑު ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮލޮޖީން ބުނީ، އެޤައުމަށް މިހާރު ވިއްސާރަކުރަމުން ދަނީ، އެޤައުމުގެ ދެކުނުން އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ހުޅަނގާއި ހުޅަނގު އިތުރަށް ދަތުރުކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މި ސަރަޙައްދުގެ ކަނޑުތައް އާދަޔާއި ޚިލާފަށް ގަދަވާނެ ކަމަށް ބެލެވިފައިވާއިރު، ލަންކާގެ މޫސުމާއި ބެހޭ އިދާރާ އަދި ކަމާއި ބެހޭ ފަރާތްތަކުން ވަނީ، ކުރިއަށްއޮތް 48 ގަޑިއިރު ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮލޮޖީން ލަފާކުރާ ގޮތުގައި، މި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހޭނީ އެޤައުމުގެ އިރާއި ދެކުނާއި އަދި އޮވާ ޕްރޮވިންސުގެ އިތުރުން ޕޮލޮނާރުވާ އާއި މަޓާލޭ ޑިސްޓްރިކްޓަށެވެ. އަދި އުތުރުރު ޕްރޮވިންސާއި ގޯލް އާއި ދެމެދުގެ ސަރަޙައްދުތަކަށް ގަޑިއަކު 50 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އިންޑިއާގެ ދެކުނުން އަދި ރާއްޖޭގެ އިރުން މިހާރު އިންޑިއާ ކަނޑު ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު، ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައި އިތުރަށް ގަދަވާނެ ކަމަށް ކެރެލާގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެސްޑީއެމްއޭ) އިންވެސް އިއްޔެ ވަނީ ބުނެފައެވެ.

އެގޮތުން މި ކޮޅިގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާގެ ޓެމިލްނާޑޫ އާއި ލަންކާގެ އައްސޭރީގެ ހިސާބުތަކަށް ކަމަށާއި، މި ސަރަޙައްދުތަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ކޮޅިގަނޑެއް އުފެދެމުންދާއިރު، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށްވެސް މޫސުން ވަނީ ގޯސްވެފައެވެ. އަދި ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި ދާދިފަހުންވެސް މިފަދަ ކޮޅިގަނޑެއް އުފެދި ތޫފާނަކަށް ބަދަލުވެފައިވެއެވެ. "އޯޗީ"ގެ ނަމުން ނަން ދެވުނު އެ ތޫފާނުގައި އިންޑިއާ އާއި ލަންކާގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވެސް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.