އިންޑޮނޭޝިއާގެ ލަޔަން އެއާގެ ފްލައިޓެއް އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ވެއްޓިފައި ވަނީ ފްލައިޓްގެ ސްޕީޑަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ފްލައިޓް ވެއްޓުނު ހާދިސާ ތަޙްޤީޤު ކުރަމުން ގެންދާ ޓީމުން ބުނެފިއެވެ.

ލަޔަން އެއާގެ ބޮއިން 737 މެކްސް-8 މަރުކާގެ ފްލައިޓް ވެއްޓުނު ހާދިސާ ތަޙްޤީޤު ކުރާ އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމެޓީގެ ޗެއާމަން ސޯޖަންޓޯ ޓަޖޯނޯ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލައިޓްގެ ކަޅު ފޮށިން ފުރަތަމަ ލިބުނު މައުލޫމާތައް ބަލާއިރު ފްލައިޓް ވެއްޓުނީ ސްޕީޑަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ޖާވާ ކަނޑަށް ލަޔަން އެއާގެ ފްލައިޓް ވެއްޓުނު ހާދިސާގައި ފްލައިޓްގައި ތިބި 189 މީހުން ވެސް ވަނީ މަރުވެފައެވެ.

ތަޙްޤީޤު ޓީމްގެ ޗެއާމަން ޓަޖޯނޯ ވިދާޅުވީ ވެއްޓުނު ފްލައިޓް އެންމެ ފަހުން ކޮށްފައިވާ ހަތަރު ދަތުރުގައި ވެސް ސްޕީޑް މައްސަލަ ދިމާވިކަން މިހާރު ތަޙްޤީޤަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ބޮއިން 737 މެކްސް-8 ގެ މެނިފެކްޗަރިން މައްސަލައެއް ކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގައި ދުއްވާ ބޮއިން 737 މެކްސް-8 ފްލައިޓްތަކުގައި މައްސަލައެއް ހުރިތޯ ބަލަން މިހާރު ވަނީ ހާއްސަ ތަޙްޤީޤެއް ވެސް ފަށާފައެވެ. އެތަޙްޤީޤުގައި އެމެރިކާގެ ތަޖުރިބާކާރުންނާއި ބޮއިން ކުންފުނީގެ އިންޖިނިއަރުން ވެސް ބައިވެރިވެއެވެ.

ވެއްޓުނު ފްލައިޓް ދަތުރަށް ފެށުމުގެ ކުރިން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެމައްސަލަ ހައްލު ކުރިކަމަށް ލަޔަން އެއާ އިން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ދީފައެއް ނުވެއެވެ.