ސައުދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް ނިއުކްލިއާ ހަކަތަ އުފެއްދުމަށްޓަކައި ނިއުކްލިއާ ރިސާޗް ރިއެކްޓަރެއްގެ މަސައްކަތް ފަށައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ. ނިއުކްލިއާ ރިސާޗް ރިއެކްޓަރުގެ މަސައްކަތް ފައްޓަވައި ދެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އެވެ.

ވަލީއަހްދު މުހައްމަދު ބިން ސަލްމާން ރަސްގެފާން އަބްދުލްއަޒީޒް ސިޓީއަށް ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅުގައި ވަނީ ބޮޑު ހަތް މަޝްރޫޢުއެއް އިފްތިތާހް ކޮށްދެއްވާފައެވެ. އޭގެތެރޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުއަކާއި ފެން އުފައްދާ ނިޒާމެއްގެ މަޝްރޫޢުއަކާއި ޖެނެޓިކް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުއަކާއި ވައިގެ ދަތުރުފަތުރު ކުރާ އުޅަނދުތަކަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހާއްސަ މަޝްރޫޢުއެއް ހިމެނެއެވެ.

ރަސްގެފާން އަބްދުލްއަޒީޒްގެ ނަމުގައި ތަރައްޤީ ކުރަމުން އަންނަ ސިޓީ އަކީ ސައިންސާއި ޓެކްނޮލޮޖީގެ މަޝްރޫޢުތަކަށް ހާއްސަ ސިޓީއެކެވެ.

ސައުދީ އަރަބިއްޔާ އިން ނިއުކްލިއާ ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށި ނަމަވެސް އެމަސައްކަތަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތެއް ނޫންކަމަށް ވަލީއަހްދު މުހައްމަދު މިދިޔަ މާޗް މަހު ވަނީ ވިދާޅުވެފައެވެ.

"ސައުދީ އަރަބިއްޔާ އިން ބޭނުމެއް ނޫން ނިއުކްލިއާ ހަތިޔާރު އުފައްދާކަށް. ނަަމަވެސް އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ ސައުދީ އަރަބިއްޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު އުފައްދާނަން. އެކަމުގައި އެއްވެސް ސުވާލެއް ނެތް." މުހައްމަދު ވިދާޅުވިއެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވަން އެމެރިކާ އާއި ދުނިޔޭގެ ބާރުތަކުން 2015 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމުން އެމެރިކާ މިހާރު ވަނީ ވަކިވެފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެ އެއްބަސްވުން ދެމިއޮވެދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

މިދިޔަ އަހަރު ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ އިން ވަނީ ދެ ނިއުކްލިއާ ޕަވާ ރިއެކްޓަރު ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާކަން އެއެޖެންސީ އަށް ސައުދީ އަރަބިއްޔާ އިން އަންގާފައިވާކަމަށް ބުނެފައެވެ.

ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރަމުން ދަނީ 2032 ވަނަ އަހަރު އަންނަންވާއިރަށް ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން 17.4 ގިގަވޯޓްސްގެ ހަކަތަ އުފައްދާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަންނަމާރި

    ފުރަތަމަކަމެއްގެގޮތުގަ ނޫސްވެރިޔާކޮށާކުދިކުދިކޮށްގެން ގެންދިޔައީ

  2. މަޒލާން

    ސައުދީން ނިއުކުލިޔާ އުފައްދާނީ ނޫސްވެރިން ބުރި ބުރި ކޮއްގެން ކަށިތައް ހިމޫންކޮއްގެން އޭގެ އާވި އަރުވައިގެން.

  3. ވަﷲ އަޢްްލަމް

    މަކަރުވެރި ރޭވުމަކަށް ވެދާނެ. ފަހުން އިޒްރޭލަށާއި އެމެރިކާ އަށް ހުރި ބިރެކޭ ކިޔައިގެން ޒައެނިސްޓުން ބައިގަނޑު ސައޫދީ އަށް އަރަން ދައްކާ ބަހަނާ އަކަށް ވުން އެކަށީގެންވޭ.

  4. ކެރަފާ ނަސީމް

    ގިނަ ނޫސްވެރިންނަކީ ފިތުނަ އުފައްދާ މެޝިނުތަކެއް އެހެންވީމަ އެމީހުން އެބަޖެހޭ ސައިޒުކުރަން އެއީ ކޮށާމަށައިގެން ކަމުގައވިޔަސް އެވެ.

  5. ޖަންބެ

    ނޫސްވެރިޔާ މަރާލާފައި އެކަން އޮއްބަންވެގެން ކިޔާގެން އުޅޭ އެއްޗެއް

  6. ސައީދު

    ވަކި ވަރަކައް ޖައްބާރުވެލީމަ ޖަހާ ފޮޑިންވެސް ނިކުންނާނީ ނިއުކުލިޔާ ހަކަތަ..