ލަޔަން އެއާގެ ފްލައިޓެއް ކަނޑަށް ވެއްޓި 189 މީހުން މަރުވިތާ ހަފްތާއެއް ފަހުން އަނެއްކާވެސް ލަޔަން އެއާގެ ފްލައިޓަކަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތި ވެއްޖެއެވެ. މިއަދު އިންޑޮނޭޝިއާގެ ބެންކްލޫ ފަތުމަވަތީ ސޮއިކާނޯ އެއާޕޯޓުން އުދުއްސާލަން އުޅުނު ފްލައިޓެއް ވަނީ އެއާޕޯޓްގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެފައެވެ.

ލަޔަން އެއާގެ ފްލައިޓް ޖޭޓީ-6333 ފްލައިޓް ހޮޅިދަނޑިއެއްގައި ޖެހުމުން ފްލައިޓްގެ ވާތް ފަރާތު ފިޔަގަނޑަށް ވަނީ ގެއްލުން ލިބިފައެވެ. މިހާދިސާގައި ފްލައިޓްގައި ތިބި އެއްވެސް ފަސެންޖަރަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ފްލައިޓަށް ލިބުނު ގެއްލުމުގެ ސަބަބުން ރަންވޭ މަތީގައި ފްލައިޓް ޕާކް ކުރަން ޖެހި އެތައް ފްލައިޓެއް ވަނީ ޑިލޭ ކުރަން ޖެހިފައެވެ.

އެކްސިޑެންޓްވި ފްލައިޓްގައި ތިބި 143 ފަސެންޖަރުން ޖަކާޓާ އަށް ގެންދިއުމަށްޓަކައި ލަޔަން އެއާގެ އެހެން ފްލައިޓެއްގައި މިހާރު ވަނީ ފުރާފައެވެ.

ހޮޅިދަނޑިއެއްގައި ފްލައިޓް ޖެހެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ގެންދަނީ މިހާރު މިހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ލަޔަން އެއާގެ ބޮއިން 737 މެކްސް-8 ފްލައިޓެއް ވެއްޓި އެފްލައިޓުން ދަތުރު ކުރި އެންމެން މަރުވި ހާދިސާގެ ތަޙްޤީޤު މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެފްލައިޓް ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން އެމައްސަލަ ހައްލު ކުރުމަށް ފަހު ފުރި ފަހުން ކަމަށް ލަޔަން އެއާ އިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ބައެއް މީހުން ގެންދަނީ މައްސަލަ ހަޤީޤަތުގައި ވެސް ހައްލު ކުރެވުނުތޯ ސުވާލު އުފައްދަމުންނެވެ.