ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ނައްތާލަން ބޭނުންކޮށްފައި ހުރި ކެމިކަލްތަކުގެ އަސަރު ސައުދީ އަރަބިއްޔާގެ ކައުންސެލް ޖެނެރަލް މުހައްމަދު އަލް-އޮޓައިޓީ ދިރިއުޅުއްވި ގެކޮޅުން ފެނިއްޖެކަން ތުރުކީ އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ކަށަވަރު ކޮށްދީފިއެވެ.

ފުލުހުން ކައުންސެލް ޖެނެރަލް ދިރިއުޅުއްވި ގެކޮޅު ފާސްކޮށް ސާމްޕަލް ނަގާފައި ވަނީ މިއަދު އެވެ. އެގެއަކީ ކޮންސިއުލޭޓާއި ޖެހިގެން އެއް އިމެއްގައި ހުރި ގެއެކެވެ.

ތުރުކީ ފުލުހުން ވަނީ ފުރަތަމަ ދުވަހު ވެސް ކައުންސެލް ޖެނެރަލް ދިރިއުޅުއްވި ގެކޮޅު ފާސްކުރަން އެގެކޮޅަށް ވަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސައުދީ ސަރުކާރުން އެކަމުގެ ހުއްދަ ނުދިނުމުން ވަނީ މަސައްކަތް ލަސްވެފައެވެ. ކައުންސިލް ޖެނެރަލްގެ ގެކޮޅަށް ތުރުކީ ފުލުހުން ވަނުމުގެ ހުއްދަ ސައުދީ އަރަބިއްޔާ އިން ދިނީ މިއަދު އެވެ.

ހަށިގަނޑު ނައްތާލުމަށް ބޭނުންކުރި ކެމިކަލްގެ އަސަރު ފެނިފައި ވަނީ ކައުންސެލް ޖެނެރަލް ދިރިއުޅުއްވި ގެކޮޅުގައި ހުރި ފެން ހިންދާ ނިޒާމްގެ ތެރެއިންނެވެ.

އަލްޖަޒީރާ އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ މިހާރު ލިބިފައިވާ ސާމްޕަލްތަކުން ކަށަވަރުވާ ގޮތުގައި ޚަޝޯގީގެ ހަށިގަނޑު ނައްތާލުމުގައި ވެސް އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ސީދާ ސައުދީ އަރަބިއްޔާ އިން ތުރުކީއަށް ދިޔަ ޓީމުގައި ހިމެނޭ ސައުދީ އަރަބިއްޔާގެ ރައްޔިތުންނެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ އިން ބުނެފައި ވަނީ ޚަޝޯގީ މަރާލުމަށް ފަހު ހަށިގަނޑު ހަވާލުކޮށްފައި ވަނީ ތުރުކީ މީހަކާ ކަމަށެވެ.

ޚަޝޯގީ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވި މައްސަލައިގެ ތަޙްޤީޤު ފެށި ތަނުން ކައުންސެލް ޖެނެރަލް ވަނީ ތުރުކީ ދޫކޮށް ސައުދީ އަރަބިއްޔާ އަށް ގޮސްފަައެވެ. ޚަޝޯގީގެ މަރާއި ގުޅިގެން 18 މީހަކު ސައުދީ އަރަބިއްޔާ އިން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުން ބުނި ނަމަވެސް އޭގެތެރޭގައި ކައުންސިލް ޖެނެރަލް ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް ވެސް ކަށަވަރެއް ނުވެއެވެ.