ބަޑި ޖެހުމުގެ ހާދިސާ ހިނގި ބާގެ ބޭރުގައި ބަޔަކު މަޑުކޮށްގެން
ބަޑި ޖެހުމުގެ ހާދިސާ ހިނގި ބާގެ ބޭރުގައި ބަޔަކު މަޑުކޮށްގެން

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ބާއެއްގެ ތެރޭގައި ހިންގި ބަޑި ޖެހުމުގެ ހާދިސާއެއްގައި މަދުވެގެން 13 މީހުން މަރާލައިފިއެވެ. އޭގެ ތެރޭގައި ބަޑި ހިފައިގެން ބާގެ ތެރެއަށް ވަދެ މީހުންގެ ގަޔަށް ބަޑި ޖެހި މީހާ ވެސް ހިމެނެއެވެ.

މިހާރު ކަށަވަރު ވެފައިވާ ގޮތުގައި ބާގެ ތެރެއަށް ވަދެ މީހުންގެ ގަޔަށް ބަޑި ޖަހާފައި ވަނީ އުމުރުން 28 އަހަރުގެ އިއާން ޑޭވިޑް ލޯންގް ނަމަކަށް ކިޔާ މީހެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާގެ ތެރެއަށް ވަދެ ޑޭވިޑް ބަޑި ޖެހުމުން އެތައް ބަޔަކު ވަނީ ޒަހަމް ވެފައެވެ. ޒަހަމްވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގި އިރު ބާގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ވެއެވެ. ބަޑި ޖަހަން ފެށުމުން ބައެއް މީހުން ވަަނީ ބާގެ ކުޑަ ދޮރުން ބޭރަށް ފުންމާލާފައެވެ. ކުޑަދޮރުތަކުން މަގުމައްޗަށް ފުންމާލުމުގެ ތެރޭގައި ވެސް ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.

ބަޑި ޖެހި ހާދިސާ ހިނގިއިރު ބާގައި ހުރި މީހަކު ބުނީ ބަޑި ޖަހަން ފެށީ ކުއްލިއަކަށް ކަމަށާއި ބަޑި ޖެހުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައި ނުވާ ކަމަށެވެ. "އޭނާ ކުއްލިއަކަށް ބަޑި ނަގައިގެން ޖަހަން ފެށީ. ބަޑި ޖަހަން ފެށީމަ ގިނަ މީހުން ވަނީ ތަޅުންމަތީގައި އޮށޯއްވެފައި. އަހަރެން ވެސް އޮށޯންނިން. އޭގެ ފަހުން ވެސް ބަޑީގެ އަޑު އިވުނު." މައުލޫމާތު ދިން މީހާ ބުންޏެވެ.

ބަޑި ޖެހި މީހާ މަރުވީ އަމިއްލަ އަށް ކަމެއް ނުވަތަ ފުލުހުން އޭނާ މަރާލީ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ބަޑި ޖެހުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެއެވެ. އޭނާ އަކީ ބަޑި ޖެހުމުގެ ހާދިސާގެ ރިޕޯޓް ލިބުމުން އެތަނަށް ދިޔަ މީހެއް ކަމެއް ނުވަތަ ހާދިސާ ހިނގި އިރު އެތަނުގައި ހުރި މީހެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސްލިމެއްނޫނެއްނު؟ އެހެންވިއްޔާ ތިޔަވާނީ ސިކުނޑިހަމަނުޖެހޭ މީހަކަށް.

  2. ރަނގަޅު މަރަންވީ

  3. ތިނުވާނެ ޓެރަރިސްޓަކަށް. މުސްލިމެް ނޫން ވީމާ

  4. އެމެރިކާއަށް މީހުންމެރުން، އިންޑިޔައަށް ރޭޕްކުރުން، ދިވެހިރާއްޖެއަށް މެމްބަރުން

    ގަނެވިއްކުން.