ދެކުނު އިންޑިއާ ކަނޑުގައި އޮތް ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކަރަ އަށް ނުރައްކާތެރި ބާރުގަދަ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ތޫފާން "އަލްސައިޑް" ގެ ނަމުން ނަންދީފައިވާ މި ތޫފާން މަޑަގަސްކަރައާއި ކައިރިވަމުންދާއިރު ތޫފާންގައި 139 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެޕްރިކާގެ ގައުމެއް ކަމަށް ބެލެވެމުން އަންނަ މަޑަގަސްކަރައަށް ތޫފާން އަރާނެ ކަމަށް ބެލެވޭއިރު ތޫފާން އިތުރަށް ބާރުގަދަ ވާނެ ކަމުގެ އިންޒާރު ވެސްް ވަނީ ދީފައެވެ.

އެގައުމުގެ ނޭޝަނަލް ބިއުރޯ ފޯރ ރިސްކް އެންޑް ކެޓޭސްޓްރޮފީ މެނޭޖްމެންޓުން ވަނީ ތޫފާނުން ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

މި އަހަރު ކުރީ ކޮޅުގައި ވެސް ވަނީ ބާރުގަދަ ތޫފާނެއް މަޑަގަސްކަރައަށް އަރާފައެވެ. މިތޫފާން އަރާފައިވަނީ މަޑަގަސްކަރައިގެ އިރުމަތީ ސަރަހައްދަށެވެ. މި ތޫފާނެއްގައި 80 މީހުން މަރުވެ އެތައް ލައްކަ މީހުން ހާލުގައިޖެހި އެތަށް މިލިއަން ޑޮލަރެއްގެ ގެއްލުންވިއެވެ.

ތޫފާން އެރި ސަހަރައްދުގެ އަވަށްތަކުގައި ފެންބޮޑުވެ އިމާރާތްތައް ވެއްޓި ގެއްލުންވެ މަގުތައް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން މި ސަހަރަހައްދުން މުއާސަލާތީ ހިދުމަތް ވެސް ކެނޑުނެވެ.

އާބާދީގައި 19 މިލިއަން މީހުން ދިރިއުޅޭ މަޑަގަސްކަރައަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު ރަށެވެ. ވަކި ރަށްރަށަށް ބަލާއިރު ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ރަށަކީ މަޑަގަސްކަރައެވެ.

ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 46 ވަނައަށް އެންމެ ބޮޑު ގައުމަކީ މަޑަކަސްކަރަ އެވެ. ކޮންމެ އަހަރަކުވެސް ނޮވެމްބަރުމަހާއި އެޕްރީލް މަހާ ދޭތެރޭ މަޑަގަސްކަރައަށް ތޫފާންތައް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަތަރަންޖީ

    އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމުގައިވާ ދިވެހިރާއްޖެ އަށްވެސް މިމަހު17 ގައި ނުރައްކާތެރި ތޫފާނެއް އަރަނީ.

    • ޫހިހި

      އެއީ މިދިޔަ 5 އަހަރުތެރޭ އެރި ތޫފާނަށްވުރެ އަސަރުކުޑަ ތޫފާނެއް