އުރުދުންގައި ދިރިއުޅޭ މީހުންގެ ތެރެއިން އިސްރާޢީލް ޕާސްޕޯޓް އޮތް ފަލަސްތީންގެ 3 މިލިއަނެއްހާ މީހުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ސައުދީގެ ޚަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ ސައުދީ އަރައްބިއްޔާ.ނެޓް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެންބަރ މަހު 12 ވަނަ ދުވަހު މީގެ ކުރިން ސައުދީއިން އިސްރާޢީލްގެ ޕާސްޕޯޓް އޮންނަ އުރުދުންގައި ދިރިއުޅޭ މުސްލިމުންނަށް ސައުދީއަށް އެތެރެވާން ވިސާ ދޭ ޤަވާއިދު މުރާޖަޢާ ކުރުމާއިއެކު 2.94 މިލިޔަން މީހުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.

މީގެ ކުރިން އުރުދުންގައި ދިރިއުޅޭ އިސްރާޢީލްގެ ޕާސްޕޯޓް އޮންނަ މުސްލިމުންނަށް އުރުދުންގެ ސަރުކާރުން ދޭ ޚާއްސަ ވަގުތީ ޕާސްޕޯޓް ކާޑެއްގައި ހައްޖާއި އުމާރާއަށް ދެވެއެވެ. ނަމަވެސް އުރުދުންގެ އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުން ބުނެފައިވަނީ އަންމާންގައި ހުންނަ ސައުދީގެ އެންބަސީއިން ވަގުތީ ވިސާ ކާޑްގައި ސައުދީގެ ވިސާއަށް ނުދިޔުމަށް އެދިފައިވާ ކަމަށެވެ. އަދި ހައްޖާއި އުމްރާގެ އަޅުކަމަށް މިވިސާ ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޖޯޑަންގައި ދިރިއުޅޭ އިސްރާޢީލްގެ ޕާސްޕޯޓް އޮންނަ މުސްލިމުން ޖޯޑަންގެ ވަގުތީ ޕާސްޕޯޓްގައި ސައުދީއަށް ގޮސްދަނީ ހައްޖުގެ އަޅުކަން އަދާ ކުރަމުންނެވެ.