ޖަމާލް ޚަޝޯގީގެ މަރާލުމުގެ ދުވަސްތަކެއް ކުރިން ސައުދީ އަރަބިއްޔާގެ ވަލީ އަހްމަދު މުހައްމަދު ބިން ސަލްމާން ވަނީ ސައުދީ އަރަބިއްޔާގެ ދުޝްމަނުން މަރާލައިގެން ނަމަވެސް އެމީހުންގެ ދުވަސް ދުއްވާލުމާއި ބެހޭ މަޝްވަރާތައް އެކި ފަރާތްތަކާއި އެކު ކޮށްފައި ކަމަށް ޖާސޫސީ މައުލޫމާތުތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ނިއުޔޯކް ޓައިމްސް" އިން ރިޕޯޓް ކުރާ ގޮތުގައި ވަލީ އަހްމަދު މުހައްމަދާއި ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވެރިން ވަނީ އީރާނުގައި ތިބި ސައުދީ އަރަބިއްޔާގެ ދުޝްމަނުން މަރާލާނެ ގޮތުގެ މަޝްވަރާތައް ވެސް ކޮށްފައެވެ. އެމީހުން މަޝްވަރާ ކޮށްފައި ވަނީ އަމިއްލަ ބަަޔަކާއި ހަވާލުކޮށްގެން ދުޝްމަނުންގެ ދުވަސް ދުއްވާލާނެ ގޮތަކާއި ބެހޭ ގޮތުންނެވެ.

ޚަޝޯގީ މަރާލަން އޯޑަރު ނެރުނީ ސައުދީ އަރަބިއްޔާ އަސްކަރިއްޔާގެ މޭޖަރ ޖެނެރަލް އަހްމަދު އަލް-އަސީރީ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އޭނާ އަކީ އީރާންގެ ދުވަސް ދުއްވާލުމުގެ މަޝްވަރާތަކެއް 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވެރިން ކުރަމުން ދިޔައިރު އެބައްދަލުވުމުގައި ބައިވެރިވި މީހެއް ކަމަށް ވެސް ޖާސޫސީ މައުލޫމާތުތައް ބުނެއެވެ.

އަސީރީ ވަނީ އީރާންގެ އަސްކަރިއްޔާގައި އޮންނަ ގުދުސް ފޯސްގެ އިސްވެރިޔާ ގައްސާމް ސުލައިމާނީ މަރާލަން ވެސް ރޭވުންތައް ރާވާފައެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

ސައުދީގެ ލީޑަރުން ވަނީ ދުޝްމަނުން މަރާނެ ގޮތުގެ މަޝްވަރާތައް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ސީދާ ޚަޝޯގީ މަރާލަން ސައުދީގެ ލީޑަރުންގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޚަޝޯގީ އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ދެކޮޅަށް އެމެރިކާގެ ނޫހެއްގައި ކޮލަމެއް ލިޔަމުން އައި ނޫސްވެރިއެކެވެ. އޭނާ މަރާލާފައި ވަނީ އޮކްޓޯބަރ މަހު 02 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައެވެ.

ޚަޝޯގީ މަރާލީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އިސް ވެރިންގެ އޯޑަރަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް އެތުހުމަތުތައް ސައުދީ އަރަބިއްޔާ އިން ދޮގު ކުރެއެވެ.