އިސްރާއީލްގެ އަނިޔާވެރިކަމުގެ އާބާބެއް އަނެއްކާވެސް މިވަނީ ފެށިފައެވެ. އެއްވެސް ބަލާލުމެއް ނެތި ޣައްޒާއަށް އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތައް ވަނީ ފާއިތުވި ދެދުވަހު ވަރުގަދަ ކޮށްފައެވެ. ފާއިތުވި 70 އަހަރު އިސްރާއީލުން ވަނީ ފަލަސްތީންގެ އެތައް ރައްޔިތުންނަކާއި ފަލަސްތީންގެ މިނިވަންކަމަށް ޖިހާދު ކުރި އެތައް މުޖާހިދުންނެއް ޝަހީދު ކޮށްފައެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަރަށް މަދު އަދަދެއްގެ މުޖާހިދުންގެ މައުލޫމާތެވެ. މިއީ އިސްރާއީލްގެ އަނިޔާވެރިކަމުގެ ވަރަށް ކުޑަ މަންޒަރެކެވެ.

ފާދީ އަލް-ބަތުޝް (ޝަހީދުކޮށްލީ 21 އޭޕްރިލް 2018 ގައި)

ފާދީ އަލް-ބަތުޝް އަކީ ފަލަސްތީނުގެ ދީނީ އިލްމުވެރިއެކެވެ. އަދި ސައިންސްވެރިއެކެވެ. އުމުރުފުޅުން 35 އަހަރުގައި ބަތުޝް ޝަހީދު ކޮށްލީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަހަރު އޭޕްރިލް 21 ވަނަ ދުވަހު އެވެ. ބަތުޝް ޝަހީދުވީ ބަޑި ހިފައިގެން ތިިބި ދެމީހުން ދިން ހަމަލާއެއްގައެވެ. މިއީ މީގެ ކުރިން ވެސް ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަން އިސްރާއީލުން ގެންގުޅެފައިވާ އުކުޅެކެވެ.

ބަތުޝް އަކީ ހަމާސް ޖަމާޢަތުގެ މެންބަރެެކެވެ. އޭނާ އުފަންވީ ޣައްޒާގެ ޖަބާލިއާ އަވަށަށެވެ. ބަތުޝްގެ އާއިލާ އިން ބުނާ ގޮތުގައި ބަތުޝް ޝަހީދު ކޮށްލީ އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުންނެވެ.

މާޒިން ފުގަހާ (ޝަހީދުކޮށްލީ 24 މާޗް 2017 ގައި)

މާޒިން ފުގަހާ އަކީ ހަމާސް ޖަމާޢަތުގެ އަސްކަރީ ގޮފި އަލް-ގައްސާމް ބްރިގޭޑްގެ ސީނިއާ މެންބަރެކެވެ. އޭނާ ޝަހީދުކޮށްލީ ޣައްޒާގައި ހުންނަ އޭނާގެ ގެކޮޅު ކައިރިން ކާރުގައި ދަނިކޮށް ހަތިޔާރު އެޅި މީހަކު އޭނާގެ ބޮލަށާއި މެއަށް ބަޑި ޖަހައިގެން މިދިޔަ އަހަރުގެ މާޗް 24 ވަނަ ދުވަހު އެވެ.

މުހައްމަދު އަލް-ޒަވާރީ (ޝަހީދުކޮށްލީ 15 ޑިސެމްބަރ 2016 ގައި)

މުހައްމަދު އަލް-ޒަވާރީ އަކީ ހަމާސް ޖަމާޢަތުގެ އިންޖިނިއަރެކެވެ. އޭނާ ޝަހީދުކޮށްލީ ޓިއުނޭޝިއާގައި ދިން ހަމަލާއެއްގައި 15 ޑިސެމްބަރ 2016 ގައެވެ. ޒަވާރީ އަކީ 2014 ވަނަ އަހަރު ހަމާސް އާއި އިސްރާއީލާއި ދެމެދު ކުރެވުނު ހަނގުރާމައިގައި އިސްރާއީލަށް ހަމަލާ ދިނުމަށް ހަމާސް އިން ތައްޔާރު ކުރި ޑްރޯންތައް އުފެއްދުމުގައި އިސްކޮށް ހުރި މީހާ އެވެ. ޒަވާރީ ޝަހީދު ކޮށްލީ ވެސް އިސްރާއީލްގެ މޮސާޑުން ކަމަށް ތުހުމަތު ކުރެވެއެވެ.

މުހައްމަދު އަބޫ ޝަމާލީ، ރައީދު އަލް-އައްތާރު، މުހައްމަދު ބަރުހޫމް (ޝަހީދުކޮށްލީ 21 އޮގަސްޓް 2014 ގައި)

މުހައްމަދު އަބޫ ޝަމާލީ، ރައީދު އަލް-އައްތާރު އަދި މުހައްމަދު ބަރުހޫމް އަކީ ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ގައްސާމް ބްރިގޭޑްސްގެ އިސް ތިން ކޮމާންޑަރުންނެވެ. ތިން މުޖާހިދުން ޝަހީދުކޮށްލީ 21 އޮގަސްޓް 2014 ގައި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.

އަހްމަދު ޖާބަރީ (ޝަހީދުކޮށްލީ 14 ނޮވެމްބަރ 2012 ގައި)

އަހްމަދު ޖާބަރީ އަކީ އިސްރާއީލުން އެންމެ ބޮޑަށް ޖެހިލުންވި ގައްސާމް ބްރިގޭޑްގެ އެއް ކޮމާންޑަރެވެ. އޭނާ ޝަހީދު ކޮށްލީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 2012 ވަނަ އަހަރުގެ ނޮވެމްބަރ 14 ވަނަ ދުވަހު އެވެ. އޭނާ ޝަހީދުވީ އޭގެ ކުރިން އޭނާ ޝަހީދު ކޮށްލަން އިސްރާއީލުން އެކި ފަހަރުމަތިން ދިން ހަތަރު ހަމަލާ އަކުން ވެސް ސަލާމަތްވެ ވަޑައިގެންފައި ވަނިކޮށެވެ.

މުހައްމަދު އަލް-މަބޫހް (ޝަހީދުކޮށްލީ 19 ޖަނަވަރީ 2010 ގައި)

މުހައްމަދު އަލް-މަބޫހް އަކީ ހަމާސްގެ ގައްސާމް ބްރިގޭޑްސް އަށް ހަތިޔާރާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ގޮފީގެ އެންމެ އިސްވެރިޔާ އެވެ. މަބޫހް އަކީ ވެސް އިސްރާއީލުން ވަރަށް ބޮޑަށް ޝަހީދު ކޮށްލަން ބޭނުންވި މީހެކެވެ. އިސްރާއީލްގެ މަޤުޞަދު ހާސިލްކޮށް މަބޫހް ޝަހީދު ކޮށްލީ 19 ޖަނަވަރީ 2010 ގައެވެ.

ނިޒާރު ރައްޔާން (ޝަހީދުކޮށްލީ 01 ޖަނަވަރީ 2009 ގައި)

ނިޒާރު ރައްޔާން އަކީ ޕީއެޗްޑީ ގްރެޖްއޭޓަރެކެވެ. ފަލަސްތީންގެ ޖަމާޢަތްތަކާއި ހަމާސް އާއިމެދު އުފެދުނު ޚިޔާލުތަފާތުވުންތައް ނައްތާލަން ހަމާސްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އެޖަމާއަތްތަކާއި ބައްދަލުކޮށް ގިނަ މަޝްވަރާތަކެއްގައި އޭނާ ބައިވެރިވިއެވެ. ހަމާސްގެ ސިޔާސީ ގޮފީގެ އިސް ބޭފުޅެއް ކަމަށްވާ ނިޒާރު ރައްޔާން ޝަހީދު ކޮށްލީ 01 ޖަނަވަރީ 2009 ގައި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.

އަހްމަދު ޔާސީން (ޝަހީދު ކޮށްލީ 22 މާޗް 2004 ގައި)

އަހްމަދު ޔާސީން އަކީ ހަމާސް ޖަމާޢަތުގެ ބާނީއެވެ. ފަލަސްތީންގެ މިނިވަންކަމަށްޓަކައި އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް މުޖާހިދަކަށް އަހްމަދު ޔާސީން ވާނެކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ. އިމާމެއް ކަމަށްވާ އަހްމަދު ޔާސީން ޝަހީދު ކޮށްލަން އިސްރާއީލުން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ. އޭނާ ޝަހީދު ކޮށްލީ 2004 ވަނަ އަހަރު މާޗް 22 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދު ކުރެއްވުމަށް ފަހު މިސްކިތުން ފައިބައިވަޑައިގެންނެވި ވަގުތު އިސްރާއީލް ސިފައިން ދިން ހަމަލާއެއްގައެވެ.

އިސްރާއީލަށް ފަލަސްތީނުގެ ކިތަންމެ މުޖާހިދުންނެއް ވެސް ޝަހީދު ކުރެވިދާނެ އެވެ. ނަމަވެސް މިނިވަންކަމަށްޓަކައި ފަލަސްތީން ރައްޔިތުން ކުރަމުންދާ ޖިހާދެއް ނުހުއްޓުވޭނެއެވެ. ފަލަސްތީންގެ އެންމެ ރައްޔިތެއްގެ ހަށިގަނޑުގައި ވެސް ލޭހިނގަމުންދާހާ ހިނދަކު އިސްރާއީލަށް ހަމަޖެހިލައިގެން ނިދާލަން އޮވެވޭނެ ދުވަހެއް ނާންނާނެއެވެ. އެކަން އިސްރާއީލުން ވެސް ގަބޫލު ކުރެއެވެ.

ކޮންމެ މުސްލިމެއްގެ ހެޔޮ ދުޢާ ވަނީ ފަލަސްތީން ރައްޔިތުންނާއި އެކުއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މުޖާހިދުންނަށް ސުވަރުގެ މިންވަރު ކުރައްވާ އެންމެ މަތިވެރި ޝަހީދުންގެ ދަރަޖަ ދެއްވާށިއެވެ. ފަލަސްތީން ރައްޔިތުންނަށް ނަސްރު ދެއްވާ، އިސްރާއީލްގެ އަނިޔާވެރިކަމަށް ނިމުން ގެންނަވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާންމު އާދުމީ

    ވަގުތު ކުދިން ތިކުރާ މަސައްކަތަށް ސާބަސް. ދެން ބުނެލަން އޮތީ.. ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސުގައި އުއިޣޫރް މުސްލިމް އަޚުންނާއި އުޚްތުންނަށް، ޗައިނާގެ ކޮމިއުނިސްޓު ސަރުކާރުން ގަދަކަމުން އިސްލާމްދީނުން ބޭރުކުރުވަން ކުރާ މަސައްކަތުގެ ވާހަކަވެސް ގެނެސްދޭނެ ކަމަށް އުއްމީދުކުރަން.

  2. ޙަސަނުބެ

    މުސްލިމް މުއްސަނދި ޤައުމުތައް ކޮބައިތޯއެވެ. އަޅެ މިކަމާ ނިކުމެބަލާށެވެ.

  3. ލިމްލީ

    އާމީން.

  4. ނީބުމަ

    ޢާމީން.. ޔާރައްބަލްއާލަމީން. މިއަދު މިދުނިޔެ މިވަނީ ނުވަމަހާ ނުވަދުވަސް ފުރިފަ. އަނިޔާވެރިކަން އާންމުވެ މަކަރާހީލަތް ހެދުން އިންތިހާ އަށް.... މިއަދު ދުނިޔެ މިވަނީ އިންތިޒާރު ގެވަގުތު ކޮޅެއްގަ.

  5. އިބު

    މާތްﷲ ފަލަސްޠީނުގެ ޙައްޤުގައި ޖިހާދު ކުރައްވާ، ޝަހީދުވެ ވަޑައިގެންފައިވާ އެންމެހައި ޝަހީދުންނަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާށި. ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ނަޞްރު ދެއްވާށި. އިޒުރޭލުގެ ނުބައި ބައިގަނޑު އެ މާތް ބިމުގައި ބަލިކުރައްވާ، ގަދަފަދަ ޢަޛާބު މިންވަރު ކުރައްވާށި. އާމީން

  6. ރަޝީދު

    އާދަމް ނަވާޒަށް މަރުހަބާ. ޢަދިވެސް އިސްލާމީދުނިޔޭގެ މިފަދަ ޚަބަރުތައް ވިހާވެސް ގިނައިން ގެނެސް ދެއްވުން އެދެން.