ޔަހޫދީ އިޒްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަރާ ހިންގި އުދުވާނުގެ ސަބަބުން ފަލަސްތީނުން އިޒްރާއިލަށް ފޮނުވާލި ރޮކެޓުގެ އަދަދު 300 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ޣައްޒާ އިން، މި ރޮކެޓުތައް އިޒްރާއިލުގެ އެކި ސަރަޙައްދުތަކަށްވަނީ ފޮނުވާލާފައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ފަސް ގަޑިއިރެއްހާ އިރުގެ ތެރޭގައި 300 ރޮކެޓު ފޮނުވާލާފައިވާއިރު އިޒްރާއިލުންވެސް ވަނީ ފަލަސްތީނުގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ހަމަލާ ދީފައެވެ.

ރޮކެޓު ހަމަލާތައް ދެނީ

އިޒްރާއިލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ފަލަސްތީނުން ފޮނުވާލި ރޮކެޓުތަކުގެ ސަބަބުން އިޒްރާއިލުގެ 50 މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިގެން، އެޤައުމުގެ ހޮސްޕިޓަލުތަކުގައި ވަނީ އެނދުމަތި ކޮށްފައެވެ. އެޤައުމުގެ އަޝްކެލަންގައި ހުންނަ ބަރުޒިލާއީ މެޑިކަލް ސެންޓަރުގައި މި މީހުންނަށް ފަރުވާ ދެމުންދާއިރު، އިތުރު 31 މީހަކަށް ޝޮކު ޖެހިގެންވެސް ވަނީ ފަރުވާ ދީފައެވެ.

ޔަހޫދީ ޒަޔަނިސްޓު ދައުލަތުން ބުނެފައިވާ ގޮތުގައި އެޤައުމުން ޤާއިމް ކޮށްފައިވާ އަޔަން ޑޯމް ބެޓެރީ ނަމަކަށް ކިޔާ މިސައިލް އިންޓަސެޕްޓް ކުރާ ނިޒާމަކަށް، 60 އަށް ވުރެ ގިނަ މިސައިލް އިންޓަސެޕްޓް ކުރެވިގެންވަނީ ވައްޓާލާފައެވެ.

އިޒްރާއިލުންވެސް ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ފަލަސްތީނުގައި ހުންނަ ޓީވީ ސްޓޭޝަނަކަށް އަމާޒުކޮށްވަނީ ހަމަލާ ދީފައެވެ. ޚަބަރުތައް ބުނާގޮތުގައި ހަމަލާ ދީފައިވަނީ "އަލް-އަޤުސާ ޓީވީ" ސްޓޭޝަނަކަށެވެ.

އިޒްރާއިލުން، އަޤުސާ ޓީވީ އަށް ހަމަލާ ދީފައި

ހަމާސް ޖަމާއަތުން އިޒްރާއިލަށް ހަމަލާ ދޭން ފަށާފައިވަނީ މަދަނީން ބޭނުންކުރާ ފަދަ ކާރެއްގައި އެއްގަމު މަގުން އިޒްރާއިލު ސިފައިން އަރާ ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހަމާސް ޖަމާއަތުގެ އިސް ކޮމާންޑަރެއްވެސް ހިމެނެއެވެ.