ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުން އެގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލަން އެގައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ނިންމެވީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އެއަށްފަހު ސިރިސޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވާނެކަން އިއުލާންކުރައްވާފައެވެ.

ނަމަވެސް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިރިސޭނާގެ ނިންމެވުމަށް ދެކޮޅު ހަދާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

ލަންކާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމާފައިވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމާފައިވާ ނިންމުން ވަގުތީ ގޮތުން ބާތިލުކުރުމަށާއި އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވަން ސިރިސޭނާ ނިންމެވި ނިންމެވުމަށް އަމަލުކުރުން ފަސްކުރުމަށެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލަން ރައީސް ސިރިސޭނަ ނިންމެވީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ވަކިކޮށް ކުރީގެ ރައީސް މިހިންދްރަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ފަހު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ދެތިން ހަފްތާ ވަންދެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމުމާއެކު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ރަނިލް ވަނީ ވިދާޅުވެފައެވެ. އަދި އެ ޖަލްސާގައި އޭނާ އަށް މަޖިލީހުގައި އޮތް ތާއީދު ދައްކާލަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރަނިލް ވިދާޅުވިއެވެ.