ބޭ އޮފް ބެންގާލް ގައި މިހާރު އުފެދިފައިވާ ބާރުގަދަ ތޫފާން މާދަމާގެ ވަގުތެއްގައި އިންޑިއާގެ ޓަމިލް ނާޑޫ އަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

"ގާޖާ" ގެ ނަމުން ނަންދީފައިވާ މި ބާރުގަދަ ތޫފާން މިހާރު އެސްޓޭޓާއި ކައިރިވަމުން އަންނައިރު ތޫފާނުގައި ގަޑިއަކު 110 މޭލު ބާރު މިނުގައި ވައިޖެހޭ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ތޫފާން އަރާނެ ކަމަށް ލަފާކޮށް ޓަމިލް ނާޑޫއަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފައެވެ.

ތޫފާނުގައި ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް ލަފާކޮށް އެ ސްޓޭޓައި ވަނީ ތޫފާން އަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޓީމުތަކެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި މީހުން ސަލާމަށް ކުރުމުގައި ހަރަކާތްތެރިވާނެ 22,000 އަށް ވުރެން ގިނަ މީހުން ހިމެނެއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނުގައި ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކަށް މީހުން ސަލަމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތައް ވަނީ މިހާރު ގޮސްފައި ކަމަށެވެ.

ތޫފާނުގައި އެއް މީޓަރުގެ އުސް ބާނިތަށް އުފެދޭނެ ކަމަށް ލަފާކޮށް ޓަމިލް ނާޑޫގެ އައްސޭރި ފަށުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް މިހާރު ދަނީ ބަދަލު ކުރަމުންނެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާނުގެ ބާރުގަދަވާނެތީ ޓަމިލް ނާޑޫ، ކެރަލާ، ޕުޑެޗެރީ އަދި ލަކްޝަޑީޕަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު ދީފައި މިވަނީ މިދިޔަ މަހު ބާރުގަދަ ތޫފާން ތިތްލީ ގައި އިންޑިއާ އަދި ލަންކާއިން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވަނިކޮށެވެ.

1999 ވަނަ އަހަރު ބޭ އޮފް ބެންގަލް ގައި އުފެދުނު ތޫފާނެއް މި ސްޓޭޓަށް އެރުމުގެ ސަބަބުން ވަނީ 15000 މީހުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު