ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރާލުމުގައި ބައިވެރިވި ޓީމުގެ މެންބަރުންގެ ދަބަސްތަކުގެ ތެރެއިން ޝައްކުކުރެވޭ ބައެއް ތަކެތި ފެނިފައިވާކަމަށް ތުރުކީގެ ނޫހަކުން ހާމަކޮށްފިއެވެ.

"ސަބާ" ނަމަކަށް ކިޔާ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯޤީ މަރާލުމަށްޓަކައި، ސައުދީން ފުރައިގެން އިސްތަންބޫލަށް އައި 15 މެންބަރުންގެ ޓީމުގެ ދާގީނާގެ ތެރެއިން ފެނުނު ޝައްކު ކުރެވޭ އެއްޗެހީގެ ތެރޭގައި ކަތުރާއި، ސިރިންޖު އަދި ޑިފިބްރިލޭޓަރުވެސް ހިމެނެއެވެ. އެނޫހުންވަނީ ދާގީނާގެ ތެރެއިން ފެނުނު މި ތަކެތީގެ އެކްސް-ރޭ ފޮޓޯތައްވެސް އާއްމުކޮށްފައެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން، ޚަޝޯޤީގެ މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މީގެކުރިން ވިދާޅުވެފައިވަނީ ސައުދީން ފޮނުވި "އެސެސިނޭޝަން ޓީމް" ނުވަތަ "ކިލް ޓީމް" ގެ މެންބަރުން ތުރުކީ އަށް އައިސްފައިވަނީ އެމީހުންނަާް ޚާއްޞަ ކޮށްފައިވާ ޖެޓެއްގައިކަމަށެވެ. އަދި، އެޖެޓު އައިސްފައިވަނީ އެހެން މަންޒިލެއްގައި ޓްރާންސިޓް ކުރުމަށްފަހުކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، ތުރުކީ އިން ހާމަކޮށްފައިވާ އެހެން މައުލޫމާތުތަކުގެ ތެރޭގައި ޚަޝޯޤީ މަރާލި ދުވަހު، ކޮންސިއުލޭޓުގައި މަސައްކަތްކުރާ ތުރުކީގެ މުވައްޒަފުންނަށްވަނީ ޗުއްޓީ ދީފައެވެ.

މި މައްސަލައާ ބެހޭގޮތުން އެންމެ ފަހުން ހޯދުނު ހެކިތަކާއި މައްސަލައަށް ލިބިފައިވާ އިތުރު ކުރިއެރުމަށް ބަލާއިރު، 15 މެންބަރުންގެ ތެރެއިން ތިން މީހެއްގެ ފޯނު ކޯލުތައްވަނީ އަޑުއަހާފައެވެ. މަރާ ގުޅުހުންހުރި މުއްދަތުގެ ތެރޭގައި އެމީހުން ކޮށްފައިވާ ފޯނު ކޯލުތައް އަޑުއެހުމުގެ ތެރޭގައި، ކޮންމެވެސް މީހަކަށް ގުޅާ، "އެކަން ނިމިއްޖެޔޭ ބޮސް ގާތު ބުނުމަށް" އެދޭ ފޯނު ރިކޯޑިންގ އެއްވެސް ވަނީ ހޯދާފައެވެ. އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ޤަބޫލު ކުރާގޮތުގައި ބޮސް އަކީ ސައުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެވެ.

ޚަޝޯޤީ އަކީ އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް" ނޫހުގެ ކޮލަމަށް ލިޔަމުން ގެންދިޔަ ނޫސްވެރިއެކެވެ. އޭނާގެ ގިނަ ލިއުންތަކެއްގައި ސައުދީ ސަރުކާރާއި ރަސްކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާ، ލިޔުންތައް ޝާއިޢުކޮށްފައިވެއެވެ.