އެމެރިކާގެ ކެލިފޯނިޔާގެ ބޮޑު ބައެއްގައި އަދިވެސް ވަނީ އަލިފާން ރޯވެފައެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމުގައި، ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތަކާއި އިތުރު އިންސާނީ ވަސީލަތް ވެސް ދަނީ ބޭނުންކުރަމުންނެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކޮށް، ނިއްވާލުމުގެ މަސައްކަތަށް ކެލިފޯނިޔާގެ ބައެއް ޖަލުތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީން ވަނީ ނެރެފައެވެ. އެސަރަޙައްދުގެ އެކި ޖަލުތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން، މަސައްކަތަށް ނެރެފައިވަނީ 200 މީހުންނެވެ. މި ޤައިދީން މަސައްކަތަށް ނެރެފައިވަނީ ކޮންމެވެސް މިންވަރެއްގެ އުޖޫރައަކަށެވެ. އެގޮތުން، ގަޑިއިރަކަށް އެކެއް ނުވަތަ ދެ ޑޮލަރު ދިނުމަށްވަނީ ނިންމާފައެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޤައިދީން މަސައްކަތް ނެރެފައިވަނީ، ދަރުމައަށް ކުރާ މަސައްކަތުން، އެމީހުންގެ ޙުކުމުގެ ބައެއް އުނިވާގޮތަށް އެއްބަސްވުމަށްފަހުއެވެ. އަދި، އެމީހުން މި ނުރައްކާތެރި ޙާލަތަށް އިޖާބަ ދިނުމަށް ނެރެފައިވަނީ ދޭން ޖެހޭ އެންމެހާ ތަމްރީނުތަކެއް ދިނުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ރަސްމީ ފަޔަރފައިޓަރަކަށް ދޭން ޖެހޭ ހުރިހާ ތަމްރީނެއްވެސް އެމީހުންނަށް ދީފައިވެއެވެ.

ޤައިދީންގެ އިތުރުން، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 9000 އެއްހާ ފަޔަރފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި، 125،000 އޭކަރުގެ ސަރަޙައްދެއް އަނދާފައިވާއިރު މީހުން ދިރިއުޅޭ 7000 ގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިއީ ކެލިފޯނިޔާގެ ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ޙާދިސާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    އަލްޙަމްދުލިﷲ