ކައިވެނި ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހޯދުމުގެ ބޭނުމުގައި، ތުރުކީގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓަށް ދިއުމުން، ނޫސްވެރިޔާ ޖަމަލް ޚަޝޯޤީވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު އޭނާ މަރާލާފައިވާއިރު، އެކަން ހިނގީ ކޮންސިއުލޭޓުގެ ތެރޭގައިކަމަށް ސައުދީ އިން ވަނީ އެއްބަސްވެފައެވެ.

މައްސަލައިގެ ތަޙުޤީޤު ބާރަށް ކުރިއަށް ދާއިރު، މިކަމާ ގުޅިގެން ސައުދީ އަރަބިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓުން ވަނީ މަޝްވަރާ ކުރަން ފަށާފައެވެ. އެގޮތުން، ކުރިއަށް އޮތް މަދު ހަފްތާކޮޅެއްގެ ތެރޭގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން ސެނެޓުން ގޮތެއް ނިންމާނެކަމަށް މައުލޫމާތު ލިބެއެވެ.

ޚަޝޯޤީ

ސެނެޓުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ޗެއަރމަން، ބޮބް ކޯކާ ބުނެފައިވާ ގޮތުގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، އެމެރިކާ ސަރުކާރަށް ގޮވާލާ މި އަހަރު ނިމުމުގެ ކުރިން ގަރާރެއް ފާސްކުރުން ވަރަށް އެކަށީގެންވެއެވެ.

ސައުދީއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ބެހޭގޮތުން ބޮބް ބުނެފައިވަނީ އޭގެ ތެރޭގައި، ޔަމަނުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، އެމެރިކާ އިން ސައުދީ އަށް ވަމުންދާ ހުރިހާ އެހީތަކާއި ދެމުންދާ ހުރިހާ އެއްބާރުލުންތަކެއް ކަނޑާލުން ހިމެނޭކަމަށެވެ. ހަމައެހެންމެ، ސައުދީ އަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށްވެސް މަސައްކަތް ކުރާނެކަމަށް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބޮބް ބުނެފައިވަނީ ޚަޝޯޤީގެ މައްސަލައާއި ޔަމަނުގެ މައްސަލައާ ގުޅިގެން، އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާއި ޑިފެންސް ސެކެރެޓަރީ ޖޭމްސް މަޓިސް އަދި ސީއައިއޭގެ ޑިރެކްޓަރު ޖިނާ ހެސްޕެލް ޤާނޫނު ހަދާ މަޖިލީހަށް ގެނެސް އެފަރާތްތަކުގެ ފަރާތުން މި މައްސަލަތަކުގެ މައުލޫމާތު ހޯދަން ހަމަޖެހިފައިވާކަމަށެވެ.

ސެނެޓުން ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމަޕްގެ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ބުނެފައިވަނީ ޚަޝޯޤީ މަރާލި ޓީމުގެ މީހުންގެ ފޯނު ރިކޯޑިންތަކުން އިވޭ "ބޮސް" އަކީ ސައުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ކަމަށް ނުބެލޭކަމަށެވެ.

މީގެކުރިން، ޓްރަމްޕް ބުނެފައިވަނީ ސައުދީއާ ދެކޮޅަށް ފިޔަވަޅު އަޅައިފިކަމުގައިވާނަމަ އެކަމުން ސައުދީ އަށްވުރެ ބޮޑު ގެއްލުމެއް އެމެރިކާ އަށް ވާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛ

    ޢިޒުރޭލޯ

  2. އެމެރިކާ

    އެމެރިކާ ވަނީ ބޮލްޓޮންގެ ފޭކް އިންޓެލިޖެންސް ރިޕޯރޓް އާއިއެކު ބޮޑު އިސްލާމީ ގައުމެއް (އިރާގު) ތަޅާ ސުންނާފަތިކޮށް އަދި އިރާގުގެ ރައީސް ސައްދާމް ޙުސައިން ދައްޖާސާ މަރާލަފަ. ވީމާ އިސްލާމީ ގައުމުތަކުން އެމެރިކާ އަދި އިސްރާއީލަށް ފިޔަވަޅު އެޅުން މާ ޙާއްގުކަން ބޮޑު