ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މެކްސިކޯގެ ޖޯގްއިލް އެލް ޗަޕޯ ގުޒްމަން ޝަރީއަތް އެމެރިކާގެ ނިއުޔޯކްގެ ކޯޓުގައި މިއަދު ފަށައިފިއެވެ.

އެމެރިކާގެ ފެޑެރަލް ޕޮރްސިކިއުޓަރ އިން އެލް ޗަޕޯއަށް ތުހުމަތުކޮށްފައި ވަނީ 1989 އާއި 2014 އާ ދެމެދު ކޮކެއިން އާއި ކެނަބިސްގެ އިތުރުން މެތަމްފެޓަމައިން ބޮޑެތި ޝިޕްމަންޓްތަކެއް އެމެރިކާއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.

ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގުޒްމަންގެ ވަކީލް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ދައުވާއެއް ނޫން ކަމަށެވެ. މި މައްސަލަ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ގުޒްމަން އަށް އަންނާނެއެވެ.

އުމުރުން 61 އަހަރުގެ އެލް ޗަޕޯއާއި ދެކޮޅަށް އެމެރިކާއިން ހިންގާ މި ޝަރީއަތް ހަތަރު މަހެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެލް ޗަޕޯ ނިސްބަތްވާ ކާޓެލް އިން އެތައް ހާސް ޓަނެއްގެ މަސްތުވާތަކެތި ވިޔަފާރިކޮށް އެތައް ބަޔަކު ރަހީނުކޮށް އެތައް ބަޔަކު މެރި މައްސަލައިގައި ވެސް މީގެ ކުރިން އޭނާ ބުނެފައި ވަނީ އެއީ އޭނާ އަށް އެނގިގެން ކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ކުރަން އެއްވެސް މީހަކަށް އަމުރު ކޮށްފައި ނުވާނެ ކަމަށް އެލް ޗަޕޯ ބުނެފައި ވެއެވެ.

މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭން އާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ސިނަލޯއާ ކާޓެލްގެ ވެރިޔާ އެލްޗަޕޯ އެމެރިކާ އަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު