ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދިނުން މެދުކަނޑާލުމުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލީބަމަން އިސްތިއުފާ ދީފިއެވެ.

ޣައްޒާ އަށް އިސްރާއީލުން ހަމަލާ ދޭން ފެށުމުން ޣައްޒާގައި ހަރަކާތްތެރިވަމުންދާ ޖަމާޢަތްތަކުން ހަމަލާތައްދީ މަސްރަހު ގޯސްވެފައި ވަނިކޮށް މިސްރު އިސްވެ އޮވެ ފެށި މަޝްވަރާތަކުގެ ސަބަބުން ހަމަލާތައް ބަދަލުކުރަން ދެ ފަރާތުން ވެސް ވަނީ މެދުކަނޑާލަން ނިންމާފައެވެ.

ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން ލީބަމަން އިސްތިއުފާ ދީފައިވާއިރު އޭނާ ބުނީ ތަފާތު އެކި ހިޔާލުތަކާއެކު ވެސް ވަފާތެރި މީހެއްގެ ގޮތުގައި ސަރުކާރުގައި ވީހާވެސް ދިގު މުއްދަތަކަށް ދެމި ހުންނަން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން "ފެއިލް" ވެފައިވާ ކަމަށެވެ.

"ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު ވި އެއްބަސްވުމަކީ ޓެރަރިޒަމަށް އަމާންދިނުން. މީގެއިން އެހެން އެއްވެސް މާނައެއް ނުނެގޭނެ" ލީބަމަން ބުންޏެވެ.

ލީބަމަންގެ އިތުރުން ޣައްޒާ އަށް ހަމަލާދިނުން މެދުކަނޑާލަން އިސްރާއީލު ސަރުކާރުގެ އިތުރު ތިން މިނިސްޓަރު ވެސް ވަނީ ދެކޮޅު ހަދާފައެވެ. ލީބަމަން އިސްތިއުފާ ދިނުމުން އެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި މަދުވެގެން ހަތް މީހަކު ޝަހީދުވެފައިވާއިރު، މިކަމުގެ ރައްދުގައި ހޯމަ ދުވަހުން ފެށިގެން ޣައްޒާގެ މުޖާހިދުން ވަނީ އިސްރާއީލަށް 400 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައެވެ.

މިއީ 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާގައި ކުރި ހަނގުރާމަ އަށް ފަހު ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަޝީދު

    ޔާ ﷲ މުސްލިމު މުޖާހިދުންނަށް ނަޞްރު ދެއްވާނދޭވެ.އަނިޔާވެރި ޔާހޫދީންނާއި އެބައިމީހުންގެ ބައިވެރިން ނިކަމެތިކުރައްވާނދޭއެވެ.

  2. Miadhu

    އާމީން