އިޒްރާއިލު ޑިފެންސް މިނިސްޓަރު އިސްތިއުފާ ދިނުމުން، އެކަމުގެ އުފާ ފާޅުކުރަނީ- ފޮޓޯ: ރޮއިޓަރސް

އިޒްރާއިލު ސިފައިން، މަދަނީ ކާރެއްގައި ފަލަސްތީނުގެ ބިންތަކަށް އަރާ ސިއްރު އޮޕަރޭޝަނެއް ހިންގާ، ހަތް މީހަކު ޝަހީދުކޮށްލާފައިވަނީ މި ހަފްތާގެ ތެރޭގައެވެ. މިކަމާ ގުޅިގެން މަޝްރަހު އިތުރަށް ގޯސްވެގެން ދިޔައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރައްދުގައި ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލު ކުރާ ހަމާސް ޖަމާއަތުންވަނީ އިޒްރާއިލަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ. ހަމައެހެންމެ، އިޒްރާއިލުންވެސް ހަމަލާތަކެއް ދީފައިވެއެވެ.

މަޝްރަހު އިތުރަށް ގޯސްވެގެން ގޮސް، ކުރިންވެސް ފެނުނުފަދަ ލޭއޮހޮރުވުމެއް ފެނިދާނެކަމުގެ ބިރަށްޓަކައި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މިޞްރުން އިސްނެގިއެވެ. އަދި، ހަމާސް ޖަމާއަތުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދިނެވެ. އިޒްރާއިލުންވެސް ފަހުން މިކަމަށް އެއްބަސްވެފައިވެއެވެ.

އެހެންނަމަވެސް، ހަމަލާތައް ދިނުން ހުއްޓާލަން ވި އެއްބަސްވުމުގެ ސަބަބުން އިޒްރާއިލުގެ ޑިފެންސް މިނިސްޓަރ އަވިގްޑޯ ލީބަމަން ވަނީ އިސްތިއުފާ ދީފައެވެ.

އެތައް ނުބައި ރޭވުމަކާއި، ރޭވިގެން ހިންގި އެތައް ނިރުބަވެރިކަމެއްގެ ފަހަތުގައި ހުރި ޒަޔަނިސްޓް ލީބަމަން އިސްތިއުފާ ދިނުން ވެގެން ދިޔައީ ފަލަސްތީނަށާއި ޣައްޒާ ލިބިގެން ދިޔަ ނަޞްރަކަށެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން މިކަން ފާހަގަކުރަމުން އަންނަނީ ސިޔާސީ ނަޞްރެއްގެ ގޮތުގައެވެ.

ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޒުހުރީ ވިދާޅުވީ ލީބަމަންގެ އިސްތިއުފާ އިން ދައްކައިދެނީ ފަލަސްތީނުގެ ހިތްވަރަށް ކެތްކޮށް، ކުރިމަތިލުމުގެ އެއްވެސް ފެންވަރެއް ނެތްކަންކަމުގައެވެ.

ދެ ދުވަހަށް ދެމިގެންދިޔަ، ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 15 މީހަކު ޝަހީދުވެ، އިޒްރާއިލުގެ ދެ މީހަކު މަރުވެފައިވެއެވެ. އެއްބަސްވުމުގެ ފަހުންވެސް ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ކޮށްލާފައިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެއީ ޣައްޒާ ސަރަޙައްދުގައި މަހަށް ނިކުމެ އުޅުނު މަސްވެރިޔެކެވެ.

ޙަމަލާތައް ދިނުން ހުއްޓާލުމުގެ ނުވަތަ މެދުކަނޑާލުމުގެ އެއްބަސްވުމެއް ވެފައިވީނަމަވެސް، މިކަން މާ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެކަމަށް ފަލަސްތީނު ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އެއީ، ކައިރި އަދި ދުރު މާޒީގައި ކަން ހިނގާފައިވާ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު