އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގައި މުޅިން ނެތި ދިޔަ އަވަށެއް އަލުން އާރާސްތުކުރަން ޖެހިއްޖެއެވެ.

ކެލިފޯނިޔާގެ އަވަށެއް ކަމަށްވާ ޕެރަޑައިސް އަލުން އާރާސްތުކުރަންޖެހޭ ވަރަށް ގެއްލުންވިއިރު އެމެރިކާގެ ފެޑްރަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީން ހާމަ ކުރި ގޮތުގައި އަލިފާން ފެތުރި، ޕެރަޑައިސް އަވަށަށް ލިބުނު ގެއްލުންތަކަކީ އެ އަވަށަށް ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާއެވެ.

މި އަވަށަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، އަލުން އާރާސްތުކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށްވެސް ފެޑްރަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނެއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި ރޯވި އަލިގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި މިހާތަނަށް 50 މީހުން މަރުވެ 250 މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކެލިފޯނިއާގެ ދެކުނުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު މިއީ ކެލިފޯނިއާގެ ތާރީޚްގައި ވެސް ރޯވެފައިވާ އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު އަލިފާންގަނޑު ކަމަށް ކެލިފޯނިއާގެ އިދާރާތަކުން ބުނެއެވެ.

މި ދިޔަ ބުރާސްފަތި ދުވަހު ރޯވި މި އަލިފާން ގަނޑުގައި މިހާތަނަށް 8800 އަށް ވުރެން ގިނަ އިމާރަތް ވަނީ މުޅިން އަދައިގެން ގޮސްފައެވެ. މީގެ އިތުރުން 50000 އަށް ވުރެން ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލިފާން ނިއްވަން ފަސޭހަ ވާނެ މިންވަރަށް ވައި މަޑުވާނެ ކަމަށް އުއްމީދު ކުރެވެއެވެ. ކެލިފޯނިއާގައި ކޮންމެ އަހަރަކު ވެސް އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    الله أكبر