ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލީހުގައި އިއްޔެ ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އަށް ފޮނުއްވި ސިޓީގައި ސިރިސޭނާ ވިދާޅުވީ 122 މެންބަރުންގެ ވޯޓާ އެކު ފާސްކުރި ރާޖަޕަކްސާ އާއި ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

ސިރިސޭނާ ސިޓީއެއް ފޮނުއްވީ ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުގެ ތަފްސީލްއާ އެކު ޖަޔަސޫރިއާ ފޮނުއްވި ސިޓީ އަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ސިރިސޭނާގެ ސިޓީގައި ވިދާޅުވީ ވަޒީރު އައްޔަން ކުރަން ގާނޫނު އަސާސީން ބާރު ދީފައިވާ ހަމައެކަނި ފަރާތަކީ ރައީސް ކަމަށެވެ. ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރާ މީހަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނުވާ ކަމަށް ސިރިސޭނަގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

"ޤާނޫނު އަސާސީ އިން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް އަށް ބާރުދީފައި އޮތް އޮތުމަށް ޤާނޫނު ހަދާ މަޖިލީހުން ނުފޫޒު ފޯރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގައި އޮތީ ގައުމުގެ ހާލަތައް ބެލުމަށް ފަހު ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން އެންމެ ރަނގަޅު ބޭފުޅަކު އެމަގާމަށް އައްޔަން ކުރައްވާނީ ރައީސް ކަމަށެވެ." ސިރިސޭނަ ވިދާޅުވިއެވެ.

ސިރިސޭނަ އިތުރަށް ވިދާޅުވީ އިއްޔެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓް ނެގީ ވެސް އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

"އިއްޔެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓް ނެގީ ވެސް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓް ނަގަން އޮންނަ އުސޫލުތަކާއި އިޖުރާޢަތުތަކާއި ޚިލާފަށެވެ." ސިރިސޭނަގެ ސިޓީގައި ވިދާޅުވެފައެވެ.

ސިރިސޭނަގެ ނިންމުމާއި އެކު އަނެއްކާވެސް މައްސަލަ ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ލަންކާގެ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު