ސްރީލަންކާ އަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކާއި އެގައުމުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ހަލަބޮލިކަމުގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓުމެއް ނެތި ދަށަށް ދަމުން ގޮސް މިއަދު އަނެއްކާވެސް ރެކޯޑް މިންވަރަށް ފައިސާގެ އަގު ވެއްޓިއްޖެއެވެ.

މިއަދު އެމެރިކާ ޑޮލަރަކަށް 178.10 ލަންކާ ރުޕީސް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ލަންކާގެ ތާރީޚްގައި ވެސް ފައިސާގެ އަގު މިވަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ލަންކާގެ ރުޕީސްގެ އަގު މިއަދު ވެއްޓިފައި މިވަނީ އެގައުމުގެ ބޮޑުވަޒީރަކަށް އައްޔަން ކޮށްފައިވާ މަހިންދްރަ ރާޖަޕަކްސަ އަށް އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ލަންކާގެ ރައީސް ސިރިސޭނަ މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުން އެގައުމުގައި އިންވެސްޓް ކުރަން ތިބި ބޭރުގެ ބައެއް އިންވެސްޓަރުން، އިންވެސްޓްމަންޓް ކުރިއަށް ގެންދިއުން ލަސްކޮށްފައިވާ ކަމަށް ވެއެވެ. އެހެންކަމުން އެކަމުގެ އަސަރު ވެސް ވަނީ އިޤުތިޞާދަށް ކުރަން ފަށާފައެވެ.

ލަންކާގެ ސިޔާސީ މަސްރަހުގައި ނުތަނަވަސް ކަން އިތުރުވަމުން ދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާ ރުޕީސްގެ އަގު އަދި އިތުރަށް ވެއްޓޭނެ ކަމަށް ލަންކާގެ އިޤުތިޞާދީ މާހިރުން ވިދާޅުވެއެވެ.

ހިފެހެއްޓުމެއް ނެތި ލަންކާ ރުޕީސްގެ އަގު ވެއްޓެމުން ދާން މެދުވެރިވެފައިވާ އެއް ސަބަބަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވެ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިއުމެވެ. އަދި ލަންކާ އިން އެކްސްޕޯޓް ކުރާ ތަކެތީގެ އަދަދު މަދުވަމުން ދިއުމެވެ. ލަންކާ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރާ ސައިފަތުގެ ވިޔަފާރި ފަހަކަށް އައިސް ވަނީ ދަށަށް ގޮސްފައެވެ.

ލަންކާގެ ރިޕޯޓްތައް ބުނާ ގޮތުގައި ފައިސާގެ އަގު ވެއްޓުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    1 ޑޮލަރު=178.10 ލަންކާ ރުޕީސް! މިއީ މިހާރު ލަންކާގައި އެއް ޑޮލަރުގެ އަގު ކަމުގައި ވާނަމަ، އަދި ކުރިއަށް އޮތް ތަނުގައި އަދި މިއަށްވުރެ ބޮޑަށްވެސް އަގު ވެއްޓޭނެކަމުގައި ލަފާކުރާނަމަ، ޑޮލަރުން ހުރިހާކަމެއް ކުރަން ހާދަހާ ޗީޕުވާނެޔޭ އަހަރެން ހިތަށް އަރާ!!