ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯޤީ މަރާލުމުގައި ބައިވެރިވިކަން ސާބިތުވެފައިވާ ފަސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރަން ނިންމާފައިވާކަމަށް އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފިއެވެ.

އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޚަޝޯޤީ މަރާލުމުގެ ކުށުގައި 11 މީހަކު ބައިވެރިވެފައިވާކަން ވަނީ ސާބިތުވެފައެވެ. އެހެންނަމަވެސް، މަރަށް މަރު ހިފަން ނިންމާފައިވަނީ އޭގެތެރެއިން، މިކަމުގައި އެންމެ ބޮޑަށް ބައިވެރިވި ފަސް މީހުންނަށް ކަމަށް އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުންވަނީ މި މައްސަލައާ ގުޅުހުން ހުރި އެހެން ބައެއް މައުލޫމާތުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ބުނާގޮތުން، ޚަޝޯޤީ މަރާލުމުގެ ކުރިން އޭނާވަނީ ތަނެއްގައި އައްސާފައެވެ. އެއްސުމަށްފަހު، އޭނާގެ ގަޔަށް ވިހަ ބާވަތެއް އިންޖެކްޓް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. ވިހައިގެ ސަބަބުން ޚަޝޯޤީ މަރުވިއިރު، ގުނަވަންތައް ވަކިކުރުމަށްފަހު ހަވާލުކޮށްފައިވަނީ ތުރުކީގެ ރައްޔިތަކަށެވެ.

ހާމަކޮށްފައިވާ މައުލޫމާތުތައް އިތުރަށް ބުނެފައިވާ ގޮތުން، މި ކަން ކުރަން އަމުރުކޮށްފައިވަނީ ސައުދީ އިންޓެލިޖެންސްގެ ކުރީގެ ޑެޕިއުޓީ ހެޑް، އަޙުމަދު އަލް އައްސިރީ އެވެ. އަދި، 15 މީހުންގެ ޓީމެއް ނަގާ، އެޓީމު ތުރުކީ އަށް ފޮނުވާފައިވަނީ އޭނާގެ ބެލުމުގެ ދަށުންކަމަށް ބުނެފައިވެއެވެ.

މައުލޫމާތުތައް އިތުރަށް ބުނެފައިވާ ގޮތުން 15 މީހުންގެ ޓީމުވަނީ އިތުރު ތިން ޓީމަކަށް ބަހާފައެވެ. އެއީ، ނެގޯޝިއޭޝަން ޓީމަކާއި، އިންޓެލިޖެންސް ޓީމެއްގެ އިތުރުން ލޮޖިސްޓިކްސް ޓީމެކެވެ. އަދި، ޚަޝޯޤީ މަރާލަން އަންގާފައިވަނީ ނެގޯޝިއޭޝަން ޓީމުގެ ވެރިޔާކަމަށްވެސް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވެއެވެ.

މި ލާއިންސާނީ ޢަމަލު ހިންގުމުގައި ރޯޔަލް ކޯޓުގައި މަސައްކަތް ކުރި މީހަކު ބައިވެރިވެފައިވާކަންވެސް ވަނީ ހާމަވެފައެވެ. އެގޮތުން ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނުގެ ކޮމިއުނިކޭޝަންސްގެ ކަންކަން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާކުރި ސައުދު ޤަހުތާނީގެ އަތެއްވާކަމަށް ބުނެފައިވެއެވެ.

ޚަޝޯޤީގެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާއިރު، މައްސަލަ ތަހުގީގު ކުރާ ތުރުކީގެ ފަރާތްތަކުންވަނީ ވަރަށް ފަހުން ފޯނު ރިކޯޑިން އެއް ހޯދާފައެވެ. ފޯނު ރިކޯޑިންގައި ބޮސް އެއްގެ ވާހަކަ ދައްކާއިރު ބައެއް ޤައުމުތަކުން ތުހުމަތުކޮށްފައިވަނީ އެއީ ވަލީއަޙުދު ކަމަށެވެ. އެހެންނަމަވެސް، އެއީ ވަލީއަޙުދު ކަމަށް ނުބެލެވޭކަމަށް އެމެރިކާ ރައީސްގެ ސެކިއުރިޓީ އެޑްވައިޒަރު ބުނެފައިވެއެވެ.