އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި މެދު ބޮޑުވަޒީރު ޓެރީސާ މޭ އެކުލަވާލެއްވި އެއްބަސްވުން އެކަމަނާގެ އަމިއްލަފުޅު ޕާޓީގެ ގިނަ މެންބަރުންނަށް ވެސް ކަމުނުދިއުމުން ސަރުކާރު ވެއްޓިދާނެ ކަމަށް ލަފާކުރެވެން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުބާރު ނެތް ކަމުގެ ވޯޓަކާއި ޓެރީސާ ކުރިމަތިލައްވަން ޖެހިވަޑައިގަތުން ވަރަށް ގާތެވެ.

އީޔޫ އިން ވަކިވުމުގައި އަމަލު ކުރާނެ ގޮތުގެ އެއްބަސްވުމެއް ޓެރީސާ އެކުލަވާލައްވާ އެއްބަސްވުން ކެބިނެޓަށް ހުށަހެޅުމުން ވަރަށް ގިނަ ވަޒީރުން ވަނީ އެއްބަސްވުން ބަލައިގަންނަން ދެކޮޅު ހައްދަވާފައެވެ. އެއްބަސްވުން ކެބިނެޓަށް ހުށަހެޅުއްވި ފަހުން މަތީ ފެންވަރުގެ ހަތް ބޭފުޅަކު ވަނީ ޓެރީސާގެ ސަރުކާރުން މިހާތަނަށް އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ ފާއިތުވި ދެދުވަސް ތެރޭގައެވެ.

އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި ގުޅޭ މަޝްވަރާތަކުގައި އިނގިރޭސިވިލާތުގެ ސަރުކާރު ފަރާތުން އިސްކޮށް ބައިވެރިވަމުންދިޔަ މަންދޫބު ޑޮމިނިކް ރާބް ވެސް ހިމެނެއެވެ.

ސަރުކާރުން އިސްތިއުފާ ދެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ އެއްބަސްވުން މިހާރު އެކުލަވާލާފައި އޮތީ އީޔޫ އަށް ފައިދާވާ ގޮތަށެވެ. އެއެއްބަސްވުމަކީ އިނގިރޭސިވިލާތުގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް އޮތް ހުރަހެއް ކަމަށް އިސްތިއުފާ ދެއްވި ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް ޓެރީސާ ވިދާޅުވާ ގޮތުގައި މިހާރު އެކުލަވާލެވިފައިވާ އެއްބަސްވުން އެއޮތީ އެފަދަ އެއްބަސްވުމެއް އެކުލަވާލެވޭނެ އެންމެ ފުރިހަމައަކަށެވެ. މިހާރު އޮތް އެއްބަސްވުން ޤާނޫނު ހަދާ މަޖިލީހުން ގަބޫލު ނުކޮށްފިނަމަ ދެން އެއްވެސް އެއްބަސްވުމެއް އިނގިރޭސިވިލާތައް ފައިދާވާ ގޮތައް އެކުލަވާ ނުލެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ލަފާކުރެވޭ ގޮތުގައި އިދިކޮޅު ލޭބާ ޕާޓީ އިން ވަރަށް އަވަހަށް ޓެރީސާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެއެވެ. އެހުށަހެޅުމަށް ޓެރީސާގެ ކޮންޒަވޭޓިވް ޕާޓީގެ ބައެއް މެންބަރުން ތާއިދު ވެސް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އދ

    އެންމެނުލަފާ ސައިތާނީ ދައުލަތްތަކުގެތެރޭގައި
    ހިމެނޭ ދައުލަތެއް ވެއްޓި އުވިގެން ދިއުމަކީ
    ހަމައެންމެރަނގަޅުކަމެކެވެ

    • ޞުރުނީ

      ތީ މޮޔައެއް

  2. އަނާރު

    ތިކަން ހަށްލުކުރަން އަވަހަށް އަންނިގެންދޭ އެއްފަހަރުން ނިމުނީ އަންނިހުރިނަމަ ތިކަންދިމާނުވާނެ