އަނިޔާވެރިކޮށް މަރާލާފައިވާ ސައުދީ އަރަބިޔާގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯޤީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށްފިއެވެ. މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލް ހަރަމުގަޔާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި، ޚަޝޯޤީގެ މައްޗަށްވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޣައިބަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ. އަދި، ނަބަވީ މިސްކިތުގައި ޣައިބަށް ކުރި ކަށުނަމާދުގައި، ޚަޝޯޤީގެ ދަރިފުޅު، ޞާލިހުވެސް ބައިވެރިވެފައިވެއެވެ.

މާތްވެގެންވާ މައްކާ އާއި މަދީނާގެ އިތުރުން، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ފާތިހު މިސްކިތުގައިވެސްވަނީ ނޫސްވެރިޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައެވެ. ހަމައެހެންމެ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ފިންސްބަރީ ޕާކް މިސްކިތުގައިވެސް ކަށުނަމާދު ކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޚަޝޯޤީގެ މަރުގެ މައްސަލަ ކުރުކޮށް

"ވޮޝިންޓަން ޕޯސްޓް" ނޫހަށް ކޮލަމް ލިޔަމުން ގެންދިޔަ ޚަޝޯޤީ މަރާލާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު، އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައެވެ. އޭނާ މަރާލުމަށްފަހު، ހަށިގަނޑުގެ ގުނަވަންތައް ކުދިކުދި ކޮށްލާފައިވާކަމަށް މައްސަލަ ތަހުގީގު ކުރި ގިނަ ފަރާތްތަކަކުން ބުނެފައިވެއެވެ.

ޚަޝޯޤީ މަރާލުމުގެ މަސައްކަތް، 15 މީހުންގެ ޓީމަކާ ހަވާލުކޮށްގެން ކުރިއިރު، އެޓީމުވެސް އިތުރު ތިން ވަކި ޓީމަކަށް ބަހާފައިވާކަމަށް ސައުދީގެ ޕަބްލިކް ޕްރޮސެކިއުޓަރ ބުނެފައިވެއެވެ. އަދި، ނޫސްވެރިޔާ މަރާލުމަށް އަމުރުކޮށްފައިވަނީ ތިން ޓީމުގެ ތެރޭގައި ހިމެނޭ ނެގޯޝިއޭޝަން ޓީމުގެ ވެރިޔާކަމަށްވެސް ބުނެފައިވެއެވެ.

މައްސަލައާ ގުޅުން ހުރި އޯޑިޔޯ ރިކޯޑިންތަކެއް ތުރުކީން ހޯދާފައިވާއިރު، މައްސަލައާ ގުޅުންހުރި ފަސް މީހަކު މަރަން ސައުދީން މިހާރުވަނީ ނިންމާފައެވެ.

ޚަޝޯޤީގެ މައްސަލައަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޯ

    ތީ މުޅިޔަކުންރަނގަޅެއްނޫން 15 މީހުންގެ ޓީމް ތުރުކީއަށްދިޔައީކީ އަމިއްލަ އިސްނެގުމަކަށް ނޫން .އެއީ ވަލީއަހުރު މުހަންމަދު ފޮނުވި ޓީމެއް. އެޓީމުގާ ފޮރިންސިކް މީހުނާ ސިޔާސީ މީހުނާ އެންޓެލިޖެންސް މީހުނާ މިލިޓްރީ މީހުން ހިމެނުމުން އެގެނީ ވަލީއހުދުގެ މީޓިންގެއްގެތެރެއިން ހަމަޖެހި ކުރިން ރޭވިފާ އޮތްކަމެއްކަން. ވީމާ މުހަންމަދުގެ އަތެއް ވާކަން ސައްކުވާވަރަށް ވުރެވެސް ޔަގީން.