މިދިޔަ ހަފްތާގައި ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، މިހާތަނަށް މި ތޫފާނުގައި 25 މީހަކު މަރުވެއްޖެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފިއެވެ.

ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު މި ތޫފާނުގެ ސަބަބުން ޓެމިލް ނާޑޫގެ އައްސޭރިފަށުގައި އޮންނަ ނާގާޕަޓްނަމްއާއި ޓިރުވަރޫރާއި ތަންޖަވޫރަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ގަސްގަސް ވެރި، ކަރަންޓު ކެނޑިފައިވެއެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެޑައްޕަޑީ ކޭ ޕަލަނިސުވާމީ ވަނީ ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ލައްކަ ރުޕީސް ދޭނެކަމަށް ވައުދުވެފައެވެ.

ތޫފާނުގައި ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް ލަފާކޮށް އެ ސްޓޭޓައި ވަނީ ތޫފާން އަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޓީމުތަކެއް ކުރީ ބައިގައި އެކުލަވާލާފައެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނާ ގުޅިގެން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ 470 ރައްކާތެރި ކޭމްޕުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 9000 ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާނުގައި އެއް މީޓަރުގެ އުސް ބާނިތަށް އުފެދުނު އިރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ އެ ތޫފާން މިހާރު ދަނީ ހުޅަނގަށް ކަމަށާއި، އަދި ދުރަށްދާ ވަރަކަށް ތޫފާނުގެ ބާރު ދަށް ވަމުން ދާނެކަމަށް ބުނެފައެވެ.

އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރައި ގެއްލުން ވެފައިވާއިރު މިދިޔަ މަހު ބާރުގަދަ ތޫފާން ތިތުލީ ގައި އިންޑިއާ އަދި ލަންކާއިން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވަނިކޮށެވެ.