ދެކުނު އިޓަލީގެ އަލިފާން ފަރުބަދައެއް ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

"ދަ ސަންޕީ ފްލެގްރެއި" ނަމަކަށް ކިޔާ މި އަލިފާން ފަރުބަދައިގައި މެގްމާ (ދިޔާ އަލިފާން) ދަނީ ފުރި ބާރުވަމުން ކަމަށާއި ކޮންމެ ވަގުތެއްގައިވެސް މި އަލިފާން ފަރުބަދަ ގޮވާފާނެ ކަމަށް ސައިންސްވެރިން މިހާރު ވަނީ ދީފައެވެ.

24 ވަޅުގަނޑު ހުންނަ މި އަލިފާން ފަރުބަދައިން ވޭތުވެ ދިޔަ ދުވަސް ތަކުގައި ވަނީ އެކި ވަރުގެ ކުދި ލޮޅުންތަަށް އިހުސާސްކުރެވިފައެވެ.

ސްވިޒަލޭންޑްގެ ރީސާޗް ޓީމަކުން ވަނީ މި އަލިފާން ފަރުބަދައިގެ ދިރާސާއެއް ދާދި ފަހުން ކޮއްފައެވެ. އެ ޓީމުން ވަނީ މި އަލިފާން ފަރުބަދަ މީގެ ކުރިން 23 ފަހަރެއްގެ މަތިން ގޮވާފައިވާ ކަމުގެ ހެކި ހޯދާފައެވެ. އެ ޓީމުން ބުނާ ގޮތުގައި މި އަލިފާން ފަރުބަދަ ދެން ގޮވައިފި ނަމަ ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ގެލުން ލިބިދާނެއެވެ.

"ދަ ސަންޕީ ފްލެގްރެއި" އަލިފާން ފަރުބަދަ އަކީ ދުނިޔޭގައި ހިމެނޭ ސުޕަ ވޮލްކޭނޯގެ ތެރޭގައި ހިމެނޭ އަލިފާން ފަރުބަދައެކެވެ. 1538 ގެ ފަހުން މި އަލިފާން ފަރުބަދަ ގޮވާފައި ނުވާއިރު 40000 އަހަރު ކުރިން މި އަލިފާން ފަރުބަދަ ވަރަށް ބޮޑަށް ގޮވި ކަމުގެ ހެކި ސައިންވެރިން ވަނީ ހޯދާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް އަލިފާން ފަރުބަދަ ހުރިއިރު މި ފަރުބަދައިން ބޮޑު ގޮވުމެއް ގޮވައިފިނަމަ، ބޮޑެތި ގެއްލުން ތަކެއް ލިބި ސަލާމަތްވާނޭ ވަގުތެއް ނުލިބި އިސާހިތަކު އެތައް ހާސް ބަޔަކު މަރުވެ އަޅިޔަށްވެގެންދާނެ ކަމަށް ސައިންވެރިން ވަނީ އިންޒާރުދީފައެވެ.