އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި މިހާތަނަށް 71 މީހުން މަރުވެ 1000 މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، އަލިފާންގަނޑު ފެތުރުމުގެ ސަބަބުން މަރުވި މީހުން އަދަދާއި ގެއްލުނު މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި މިއަދުވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، އަނދައިގެން ބިމާހަމެވެފައިވާ ތަންތަނާއި އެނޫންވެސް އެއްޗެހީގެ ދަށް ހޯދަމުންދާކަމަށް ބުނެފައިވެއެވެ.

އަލިފާނުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮސްދިނުމަށް އެސަރަޙައްދުގެ ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.

ކެލިފޯނިއާގެ ދެކުނުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު މިއީ ކެލިފޯނިއާގެ ތާރީޚްގައި ވެސް ރޯވެފައިވާ އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު އަލިފާންގަނޑު ކަމަށް ކެލިފޯނިއާގެ އިދާރާތަކުން ބުނެއެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުޅި ކެލިފޯނިޔާ އިން 230،000 އޭކަރުގެ ސަރަޙައްދެއްވަނީ މުޅިން އަނދާފައެވެ. މިއީ، އެމެރިކާގެ އެންމެ ބޮޑެތި ސަރަޙައްދުތަކުގެ ތެރޭގައި ގުނާލެވޭ ޝިކާގޯ އާއި ބޮސްޓަން އެއްކޮށްލުމުން ވާވަރެވެ. މީގެއިތުރުން، ފާއިތުވި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އަލިފާން ނިއްވާ ފަރާތްތަކުން 500 އަށްވުރެ ގިނަ ބްލޭޒްގެ އަލިފާން ކޮންޓްރޯލް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކެލިފޯނިއާގެ ޖަންގަލީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އެމެރިކާގެ ކަމާބެހޭ ވުޒާރާތަކުން ބުނެއެވެ.