މަޝްހޫރު ނިއުސް ނެޓްވޯކް ސީއެންއެންގެ ނޫސްވެރިއާ ޖިމް އެކޮސްޓާގެ ޕްރެސް ފާސް ހިފަހައްޓައި ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްތަކުން އޭނާ ސަސްޕެންޑް ކުރި މައްސަލަ ބާތިލްކޮށް ނޫސްވެރިޔާއަށް ވައިޓް ހައުސްއަށް ވަދެވެން ޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

ޓްރަންޕާއި ދެކޮޅަށް ސީއެންއެން އިން ދައުވާ ކުރީ އެ ނެޓްވޯކްގެ ނޫސްވެރިއެެއްގެ މީޑިއާ ފާސް ވައިޓް ހައުސް އިން ސަސްޕެންޑް ކުރުމާ ގުޅިިގެނެވެ. މި މައްސަލާގައި ސީއެންއެން އިން ކޯޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ފަސްޓް އެމެންޑްމެންޓާ ވައިޓް ހައުސް އިން ޚިލާފުވެފައިވާ ކަމަށެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮސްޓާ ކުރި ސުވާލުތަކާ މެދު ހިތްހަމަނުޖެހި، ޓްރަމްޕް ވަނީ މައިކް ދިނުމަށް އެދިފައެވެ. ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްތަކުން އެކޮސްޓާ ސަސްޕެންޑް ކުރީ އެ ހާދިސާއަށް ފަހުއެވެ.

މި ކަމާއި ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ހިތާމަވެރި އަމަލެއް ކަމަށާއި އެ ނެޓްވޯކުގެ ނޫސްވެރިޔާ ޖިމް އެކޮސްޓާ ސަސްޕެންޑް ކުރުމަކީ ގާނޫނުން ލިބިދޭ ސަރުކާރުގެ ކަންކަން މިނިވަންކަމާ އެކު ރިޕޯޓް ކުރުމަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.

ސީއެންއެންގެ މި ވާހަކަތަކަށް ރައްދުދީ ވައިޓް ހައުސް އިން ބުނީ ޓްރަމްޕް ސަރުކާރާ ދެކޮޅަށް ސީއެންއެން އިން މައްސަލަ ހުށައެޅީ ސަމާލުކަން ހޯދަން ކަމަށެވެ. ނަމަވެސް ސީއެންއެން އިން ބުނީ މި މައްސަލައިގައި އިންސާފު ހޯދާނެ ކަމަށެވެ.

ކޯޓުން އެންގުމާ އެކު ވައިޓް ހައުސް އިން ވަނީ އެކޮސްޓާއަށް ހުއްދަ ދީފައެވެ.

ވެރިކަމަށް އައިއްސުރެ ޓްރަމްޕް ގެންދަނީ ސީއެންއެންއަށް ބަހުގެ ހަމަލާތައް ދެމުންނެވެ. ސީއެންއެން ޓްރަންޕް ސިފަ ކުރަނީ ފޭކް ނިއުސްގެ ގޮތުގައެވެ. ޓްރަމްޕް އާއްމުކޮށް ބަހުގެ ހަމަލާ ދޭ މީޑިއާތަކުގެ ތެރޭގައި ސީއެންއެން، ނިއު ޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓް ހިމެނެއެވެ.