މިޔަންމާގައި އޮންނަ ރޮހިންޖާ މުސްލިމުންގެ އަސްލު ވަޒަންކަމުގައިވާ ރަޚައިން ސްޓޭޓުގައި، އެޤައުމުގެ އަނިޔާވެރި ސިފައިން އަސްކަރީ މަރުކަޒުތަކެއް ބިނާކުރަމުން އަންނަކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ ގޮތުން މަސައްކަތް ކުރަމުންދާ އެޖަމިއްޔާއިންވަނީ މިކަން ސާބިތުކުރުމަށް ސެޓެލައިޓު ފޮޓޯތަކެއްވެސް އާއްމުކޮށްފައެވެ. ސެޓެލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި ރޮހިންޖާ އާއިލާތައް އުޅުނު ގެތައް ހުރި ސަރަޙައްދުތަކުގައި ސިފައިން ދަނީ މަރުކަޒުތައް ބިނާކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްނެސްޓީގެ ކްރައިސިސް ރެސްޕޮންސް ޑިރެކްޓަރު، ތިރާނާ ހަސަން ބުނެފައިވަނީ މިކަންކަމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަންކަމެއް ނޫންކަމަށާއި ތަރައްޤީގެ ނަމުގައި ނަސްލު ނައްތާލުމުގެ މަސައްކަތްތަކަށް ފުރުޞަތު ދެވިގެން ނުވާނެކަމަށެވެ.

މީގެއިތުރުންވެސް ތިރާނާ ބުނެފައިވަނީ މިއީ ބިން އަތުލުމުގެ މަސައްކަތްތަކެއްކަމަށެވެ. އަދި، މިޔަންމާ ސިފައިންނަކީ އިންސާނިއްޔަތާ ދެކޮޅު، އެތަކެއް ޖަރީމާތަކެއް ހިންގާފައިވާ ބައެއްކަމަށެވެ.

އެމްނެސްޓީ އިން އިތުރަށް އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެސަރަޙައްދުގައި އަލަށް ބިނާކުރާ ރެފިއުޖީ ކޭމްޕުތަކުގެ ވަށައިގެންވަނީ ބޮޑެތި ސެކިއުރިޓީ ފެންސުތަކެއް ލައިފައެވެ. މި ފެންސުތައް ލައިފައިވަނީ ރޮހިންޖާ މުސްލިމުން އިތުރަށް އަޅުވެތިކުރަންކަމަށް އެޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންނާއި މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން އެތައް ހާސް މުސްލިމުންނެއް ބަނގުލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު، އެޤައުމުންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރޮހިންޖާއިން މިޔަންމާއަށް ދިޔުމަށެވެ. އެއީ، ބަނގުލަދޭޝްގައިވެސް އެކަމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުންނެވެ.