ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ މައްސަލައާ ގުޅިގެން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ދެ ދުވަހެއްގެ ތެރޭގައި އާއްމު ކުރާނެކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް ބުނެފައިވަނީ އެމެރިކާ އިން ނެރޭ ރިޕޯޓުން ޚަޝޯޤީ މަރާލީ ކޮން ބައެއްކަން އެނގޭނެ ކަމުގައެވެ.

"އަހަރެމެން މިކަމުގެ ފުރިހަމަ ރިޕޯޓެއް ނެރޭނަން. ބެލެވޭ ގޮތުގައި ހޯމަ ނުވަތަ އަންގާރަ ދުވަހު މި ރިޕޯޓު ނެރޭނަން." ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެިކާގެ ރައީސް ބުނެފައިވެއެވެ.

"ވޮޝިންޓަން ޕޯސްޓް" ނޫހަށް ކޮލަމް ލިޔަމުން ގެންދިޔަ ޖަމާލް ޚަޝޯޤީ މަރާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. އޭނާ މަރާލާފައިވަނީ ކައިވެނި ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހޯދުމަށް ކޮންސިުއލޭޓަށް ދިޔަ ތަނުންނެވެ.

އެމެރިކާގެ މީޑިޔާ އަށް ސީއައިއޭގެ ބައެއް އޮފިޝަލުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ޚަޝޯޤީ މަރާލުމަށް އަމުރުކޮށްފައިވަނީ ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެވެ. އެހެންނަމަވެސް، އެމެރިކާ ސަރުކާރުން ފަހުން ބުނެފައިވަނީ އެއީ އެމެރިކާ ސަރުކާރުގެ ރަސްމީ ބަސް ނޫންކަމުގައެވެ.

މި މައްސަލައާ ގުޅިގެން ސައުދީގެ ޕަބްލިކް ޕްރޮސެކިއުޓަރު މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވަނީ އެންމެ ފުރަތަމަ މި ކަންތައް ރޭވިގެން ގޮސްފައިވަނީ 15 މީހެއްގެ ޓީމެއް ގޮސް ޚަޝޯޤީ ސައުދީ އަށް ގެނައުމަށްކަމަށެވެ. އެހެންނަމަވެސް، ފަހުން އޭނާ މަރަން އޭގެތެރެއިން ބަޔަކު އެންގީކަމަށާއި އެކަމުގައި ވަލީއަހުދުގެ އެއްވެސް އަތެއް ނެތްކަމުގައެވެ.