ބައެއް ކުށްވެރިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެން މުޅި ޤައުމުގެ ސިޔާސީ މަޝްރަހު، އަނެއްކާވެސް މިވަނީ ހަލަބޮލިވެފައެވެ. އެކަމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިޢުލާންކޮށްފައިވާއިރު، މައި އިދިކޮޅު ލީޑަރުވެސް ވަނީ ބޭރުގެ އަސްކަރީ އެހީއަށް ގޮވާލާފައެވެ.

ކުރީގެ ރައީސް ނަޝީދު، އިންޑިޔާގެ އަސްކަރީ އެހީ ބޭނުންވާކަމަށް ދޭހަވާފަދަ އިބާރާތަކުން، ޓްވީޓެއް ކުރެއްވިކަމުގައިވިޔަސް، އެކަމަކަށް ސީދާ އިޖާބައެއް، އިންޑިޔާ ސަރުކާރުން ދެއްވާފައެއް ނުވެއެވެ.

ކަންތައްތައް މިހެން ހުރިއިރު، އިންޑިޔާ ސިފައިން ރާއްޖެ އެރުމާ ގުޅިގެން، އެކި ތަޖުރިބާކާރުން ރާގު ހުރީ އެކި ގޮތަށެވެ.. އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާ އެކި ތަޖުރިބާކާރުންގެ ބަސް ހިމަނައިގެން، "ސްކްރޯލް" އިން ޝާޢިއުކޮށްފައިވާ ލިޔުމެއް، މަޝްހޫރު "އަލް ޖަޒީރާ" ގައި މިއަދުވަނީ އާއްމުކޮށްފައެވެ. ލިޔުމުގައި ބަޔާންކޮށްފައިވާ ގިނަ ތަޖުރިބާކާރުންނަކީވެސް އިންޑިޔާ ރައްޔިތުންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، އިންދިރާނީ ބަގްޝީ ނަމަކަށް ކިޔާ ތަޖުރިބާކާރަކު، ބުނެފައިވާ ބުނުމެއް، އެލިޔުމުގައި ހިމަނާފައިވާއިރު އޭނާ ބުނެފައިވަނީ ރާއްޖެއަށް އަސްކަރީ ބާރު ފޯރުވުން ވެގެންދާނީ "މޮޔަ" ކަމެއްކަމުގައެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން އިންޑިޔާ އާއި ޗައިނާއާ ދެމެދު އުފެދުނު މައްސަލަތަކުންވެސް އެއްވެސް ފައިދާއެއް ނުކުރާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދުނިޔޭގެ މަޝްރަހުން މިސާލު ދައްކަމުން އިންދިރާ ބުނެފައިވަނީ، ސްރީ ލަންކާގެ ޖަފްނާގައި ކުރިއަށް ދިޔަ އަހުލީ ހަނގުރާމައަށް އިންޑިޔާއިން އަތް ބާނައިގެންވެސް އެއްވެސް ކުރިއެރުމެއް ނުލިބުނުކަމަށެވެ. ހަމައެހެންމެ، އިރާޤަށާއި ސީރިޔާގެ މައްސަލަތަކަށް އެމެރިކާ އަތްބާނައިގެންވެސް އެއްވެސް ކުރިއެރުމެއް ނުލިބުނުކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސީ ރާޖާ މޯހަން ނަމަކަށް ކިޔާ ތަޖުރިބާކާރަކުން "ނިއު އިންޑިއަން އެކްސްޕްރެސް" އަށް ބުނެފައިވަނީ، އެހެން ޤައުމެއްގައި ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމުގައެވެ. އަދި، މިފަދަ ހުރިހާ ކަމެއްގެ ކަންކަން ކުރިން ލަފާ ނުކުރެވޭނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"މިންޓް" އަށް މައުލޫމާތު ދީފައިވާ ސިޔާސީ ލީޑަރަކު ބުނެފައިވަނީ އެހެން ޤައުމަކަށް އެރުމުގައި އިންޑިޔާގެ ކެރިކުޅަދާނަކަމުގައި ސުވާލުތަކެއް ހުރިކަމުގައިވިޔަސް، އަވަށްޓެރި ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.

އިންޑިޔާއިން ރާއްޖެއަށް ސިފައިން ފޮނުވުމާ ގުޅިގެން "ވަޔަރ" ގެ ދެވިރުޕާ މިތްރާ ބުނެފައިވަނީ އަޅާނެ ފިޔަވަޅެއް ނޭނގޭ ކަމަށެވެ. ސަބަބަކީ، މޯދީގެ ހުރިހާ ޚާރިޖީ އެޑްވައިޒަރުން މިހާރު ތިބީ އެއްތަނެއްގައި ނޫންކަމަށާއި މޯދީވެސް ގެންދަވަނީ ދަތުރުކުރައްވަމުންކަމަށެވެ.

މިކަމާ ގުޅިގެން ސުޝާންތް ސިންގު ބުނެފައިވަނީ، މީގެކުރިންވެސް އިންޑިޔާއިން އެކި ޤައުމުތަކަށް އަސްކަރީ ބާރުތައް ފޮނުވާފައިވާކަމަށެވެ. އެގޮތުން، 80 ގެ އަހަރުތަކުގެ ތެރޭގައި ލަންކާ އަށާއި އިންޑިޔާއަށް ސިފައިން ފޮނުވިކަން އޭނާ ހަނދާން ކޮށްދިނެވެ. ލަންކާއަށާއި ރާއްޖެއަށް އޭރު ސިފައިން ފޮނުވިއިރު، ބޮޑުވަޒީރު ރަޖީވް ގާންދީ ވިސްނައިދީފައި އޮތީ، ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ހުރިހާ ޤައުމަކަށް، އިންޑިޔާއަށް ނުފޫޒު ފޯރުވޭނެކަމަށާއި، އެހެން ޤައުމުތަކުގައި ހިނގާ ކަންތައްތަކުގެ އަސަރު އިންޑިޔާއަށް ކުރާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު