މާބަނޑުވެފައި އިން އަނބިމީހާ އާއި އަމިއްލަ ދެ ދަރިން މަރާލި އެމެރިކާގެ ކްރިސް ވަޓްސް އުމުރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ދެންމެ ޙުކުމް ކޮށްފިއެވެ.

ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު މާސެލޯ ކޮޕްކޯ ވިދާޅުވީ މިއީ އޭނާ އަށް އަޑުއިވި ވަޑައިގެންނެވި އިންސާނިއްޔަތު ކަން އެންމެ ކުޑަ އަމަލު ކަމަށާއި މިއީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އަމަލެއް ކަމަށެވެ.

"އަޅުގަނޑު ވާނީ މިހާތަނަށް އެތައް ހާސް މައްސަލައެއް ބަލާފައި. އެތައް ހާސް މައްސަލައެއް ދިރާސާކޮށްފައި. ނަމަވެސް މިހައި އިންސާނިއްޔަތުކަން ކުޑަ މީހެއްގެ މައްސަލައެއް ނުބަލަން. އަދި އަޑެއް ވެސް ނާހަން." ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މާސެލޯ ވަނީ ކްރިސްގެ މައްޗަށް މިއަދު އުމުރު ދުވަހުގެ ފަސް ޖަލު ޙުކުމް އިއްވާފައެވެ. އެ ހުރިހާ ޙުކުމެއް ވެސް އިއްވާފައި ވަނީ ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށެވެ. އޭނާގެ މާބަނޑުވެފައި އިން އަނބިމީހާ މަރާލުމުން އެއީ އުފަން ނުވާ ދަރިއަކު މަރާލި މައްސަލައެއް ކަމަށް ނިންމާ އެމައްސައްލައިގައި އިތުރު 48 އަހަރުގެ ޖަލު ޙުކުމަކާއި އަދި ތިން މައިންގެ ހަށިގަނޑު ފޮރުވާފައި ވާތީ އެމައްސަލައިގައި އިތުރު 36 އަހަރުގެ ޖަލު ޙުކުމެއް ވެސް ކްރިސްގެ މައްޗަށް ވަނީ އިއްވާފައެވެ.

ކްރިސްގެ މައްޗަށް ޖަލު ޙުކުމް އިއްވާފައި ވަނީ އޭނާ ހުރިހާ ދައުވާ އަކަށް އިންކާރު ކޮށްފައި ވަނިކޮށެވެ. ކްރިސްގެ އަނބިމީހާގެ އާއިލާ އިން ކްރިސް އަކީ "ފުރޭތައެއް" ކަމަށް ބުނި ނަމަވެސް ކްރިސްގެ މަންމަ މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް ކްރިސް ކައިރީގައި ބުނީ "އަހަރެމެން އަބަދުވެސް ކްރިސް ދެކެ ލޯބި ވިން. އަދިވެސް ކްރިސް ދެކެ ލޯބި ވާނަން." ކަމަށެވެ.

ކްރިސް ވަނީ އޭނާގެ އަނބިމީހާގެ އިތުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅާއި ތިން އަހަރުގެ އަންހެން ދަރިފުޅު މަރާލާފައެވެ. އަދި ތިން މައިންގެ ހަށިގަނޑު ވަނީ އޭނާ މަސައްކަތް ކުރި ތަނުގައި ފޮރުވާފައެވެ.

ކްރިސް ބުނެފައި ވަނީ އޭނާ މަސައްކަތު ދިޔަ އިރު އަނބިމީހާ އާއި ދަރިން ގޭގައި އުޅޭ ކަމަށާއި އެމީހުން މަރާލީ ކާކުކަން އޭނާ އަށް ނޭނގޭ ކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ބުނީ ކްރިސް ހަދަނީ ދޮގު ކަމަށާއި އޭނާ އަނބިމީހާ އާއި ދަރިން މަރާލީ އެހެން މީހަކާއި ކައިވެނި ކުރަން ވެގެން ކަމަށެވެ. ތަޙްޤީޤަށް އެނގުނު ގޮތުގައި ކްރިސް އުޅުނީ އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

ކްރިސް އޭނާގެ އަނބިމީހާ އާއި ދެދަރިން މަރާލީ މިދިޔަ އޮގަސްޓް މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު