އަވަށްޓެރި އިންޑިޔާގެ މަހަރަޝްތުރާ ސްޓޭޓުގެ ވަރުދާގައި ހުންނަ ހަތިޔާރާއި ގޮވާ ތަކެތި ރައްކާކުރާ ގުދަނެއްގައި މިއަދު ގޮވި ގޮވުންތަކެއްގެ ސަބަބުން ހަ މީހަކު މަރުވެ އިތުރު 10 މީހުންނަށް އެކި ވަރުގެ ޒަޚަމްތައްވެއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި މަރުވި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ގޮވުންތައް ގޮވި ތަނުގައި މަރުވެފައިވާއިރު އަނެއް ދެ މީހުން މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޒަޚަމްވި 10 މީހުންގެ ޙާލު ސީރިޔަސް އެވެ. އަދި މަރުވި މީހެއްގެ ތެރޭގައި ގުދަނުގައި މަސައްކަތް ކުރާ މީހެއްވެސް ހިމެނެއެވެ.

އެޤައުމުގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލަކު، "އެންޑީޓީވީ" އަށް މައުލޫމާތު ދެމުން ބުނެފައިވާ ހަތުޔާރު ގުދަނުގައި ނުރައްކާތެރި ގޮވުންތަކެއް ގޮވާފައިވަނީ ބޮންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން، ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ގޮތަށް ހަދާފައިވާ މި ގުދަނުގައި، މި ފަދަ ތަކެތި ނައްތާލާތަނުގައި، އެމަސައްކަތުގައި 10 އާއި 15 އާ ދެމެދުގެ މީހުން މަސައްކަތް ކުރަމުން ދިޔަކަމަށްވެސް އޮފިޝަލު ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އިންޑިޔާގެ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މި ބޮންތައް ނައްތާލުމުގެ މަސައްކަތް، ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ އެޤައުމުގެ މަދްޔަ ޕްރަދޭޝްގެ ޚަމަރިޔާގައި ހުންނަ ހަތިޔާރު އުފައްދާ ކާރުޚާނާ އަކަށެވެ.

އިންޑިޔާގެ ދިފާޢީ ވުޒާރާ އިން އިތުރަށް ބުނެފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން މި ތަހުގީގައި އެޤައުމުގައި އެހެން ސަރަޙައްދުތަކުގައި ހުންނަ ހަތިޔާރު ކާރުޚާނާތަކުގެ އޮފިޝަލުން ބައިވެރިވާކަމަށްވެސް ބުނެފައިވެއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި އެޤައުމުގެ ޕުލްގައޮން ގައި ހުންނަ ހަތިޔާރު ގުދަނެއް ގޮވާ 16 މީހުން މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    އަވަހަށް މުސްލިމުންގެ ބޮލުގަ އަޅުވާ މުދި ކަލޭގެ ހުންނާނީ ތައްޔާރަށް