މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މައްސަލަ ތަހުގީގުކޮށް އެމެރިކާގެ ސީއައިއޭ އިން އެކުލަވާލާފައިވާ ރިޕޯޓުން، އެކަން ކުރީ ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކަން ކޮންމެވެސް މިންވަރަކަށް ޔަޤީންވާކަމަށް، އެރިޕޯޓު ފެނިފައިވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "އޭބީސީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރިޕޯޓަށް ބަލާލުމުން އެކަން ކޮށްފައިވަނީ ވަލީއަހުދުގެ އަމުރަށްކަން ކޮންމެވެސް ވަރަކަށް އެނގޭކަމަށާއި އަދި ރަސްކަމުގެ މަތީ ފަޑިން އެކަމުގައި ބައިވެރިވިކަން ރަނގަޅަށް އެނގެން އޮތްކަމަށެވެ.

އެހެންނަމަވެސް، މި ރިޕޯޓުގައި މި މަރާ ވަލީއަހުދާ ސީދާ ގުޅުވާފައި ނެތްކަން އޭނާ ފާހަގަކޮށްފައިވެއެވެ. އަދި، ރިޕޯޓު ލިޔުމުގައިވެސް ސީދާ ގުޅުމެއް ނެތްކަން ހާމަވާފަދަ ބަސްމަގު ބޭނުންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި ރިޕޯޓާ ގުޅިގެން އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލަމުންނެވެ. އެގޮތުން، ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވަރުގަދަ ޕްރެޝަރުތަކާ ރައީސް ޓްރަމްޕް ކުރިމަތިލަމުންދާކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް ބުނެފައިވަނީ ހޯމަ ދުވަހު ނުވަތަ އަންގާރަ ދުވަހު، ޚަޝޯޤީގެ މަރުގެ މައްސަލައިގައި ސީއައިއޭ އާއި އެމެރިކާ އިން ކޮށްފައިވާ ތަހުގީގުގެ ތަފްސީލީ ރިޕޯޓު އާއްމު ކުރާނެކަމުގައެވެ. އެހެންނަމަވެސް، އަދިވެސް ރިޕޯޓު އާއްމުކޮށްފައި ނުވެއެވެ.

މީގެކުރިން، އެމެރިކާގެ މީޑިޔާ އިން ބުނެފައިވާ ގޮތުގައި ސީއައިއޭ އިން ނިންމާފައިވަނީ މިކަން ކުރަން އަމުރުކޮށްފައިވަނީ ވަލީއަހުދު މުޙައްމަދުކަމުގައެވެ. އެހެންނަމަވެސް، ޚަޝޯޤީ މަރާލުމުގައި ވަލީއަހުދުގެ ސީދާ ބައިވެރިވުމަށް އޮންނާނެކަމަށް ޓްރަމްޕް ގަބޫލުކޮށްފައި ނުވެއެވެ.

މުޅި ދުނިޔެވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ މި މައްސަލައިގައި އެމެރިކާ އިން ނިންމާ ގޮތެއް ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޯ

    ޓްރަމްޕަށް 100 މިލިއން ޑޮލަރު މުހަންމަދު ދިނެއްނު . މިފައިސާއާ ޕޮމްޕިޔޯ ހަވާލުވިއެއްނު. މިފައިސާ ދިންފަހުން ޓްރަމްޕް ގެރާގު ބަދަލު ވިއެއްނު.

  2. އަބޯ

    ވަލީއަހުދު ނޫސްވެރިޔާއަށް ފޯނުންގުޅާ ސައޫދީއަށް ދާން ބުނުމުން ނޫސްވެރިޔާ އެއްބަސް ނުވުމުން ބޯކަނޑާލަން ގަހުތާނަށް އެންގީ ވަލީއަހުދު