އަފްޣާނިސްތާނުގެ އެންމެ ބޮޑެތި ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވަމުން ދިޔަ ޙަފްލާއަކަށް އަމާޒުކޮށް ޖާނުން ފިދާވެގެން ނުރައްކާތެރި ހަމަލާއެއް ދީފިއެވެ. މިރޭ ދީފައިވާ މި ހަމަލާތަކުގައި 40 މީހުން މަރުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު، ވާހިދު މޮޖްރާ ބުނެފައިވަނީ ހަމަލާގައި 40 މީހުން މަރުވެފައިވާއިރު އިތުރު 60 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމުގައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މި ޙަމަލާ ދީފައިވާއިރު، ޙަމަލާއާ ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

އެޤައުމުގެ އިންޓީރިޔާ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބު ދާނިޝް ބުނެފައިވަނީ ހަމަލާ ދީފައިވަނީ ޖާނުން ފިދާވެގެންކަމަށެވެ. އަދި، ހަމަލާ ދީފައިވަނީ ބޮޑެތި ކައިވެނި ވަލީމާތައް ބޭއްވުމަށް ހަދާފައި އޮތް ހޯލެއްގައިކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، މިރޭ އެތަނުގައި ކުރިއަށް ދިޔައީ މިއަދު ފާހަގަ ކުރަމުންދާ ކީރިތި ރަސޫލާ މުޙައްމަދު ޞަައްލަﷲ އަލައިޙި ވަސައްލަމުގެ ޢީދު މީލާދު ފާހަގަކުރުންކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކައިވެނީގެ ހަފްލާތައް ބާއްވާ މި ހޯލުގެ މެނޭޖަރު، ބައެއް ނޫސް އެޖެންސީތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަމަލާ ދިން މީހާ، އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ބޮންތައް ގޮއްވާލާފައިވަނީ މީހުންތަކުގެ މެދަށް ދިއުމަށްފަހުކަމަށެވެ.

މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެހެންނަމަވެސް، އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން، މި ހަމަލާގެ ޒިންމާ އުފުލާފައި ނުވެއެވެ. ފާއިތުވި ދުވަސްތަކުގައި އެޤައުމުގައި ހަމަލާ ދީފައިވަނީ ތާލިބާން ޖަމާއަތާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    ދޮގުހަދަނީ ކީއްކުރަން.ތީ އެމެރިކާ މީހުން އީދުމީޅާދީ ފާހަނގަ ކުރާތީ ރުޅިއައިސްގެން ދިން ހަމަލާއެއް