1984 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގައި ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކުގައި ޒިންމާވާ މީހެއްގެ މައްޗަށް އިންޑިޔާގެ ކޯޓަކުން މަރުގެ ޙުކުމް ކޮށްފިއެވެ. މި މީހާގެ މައްޗަށް މަރުގެ ޙުކުމް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން އިންޑިޔާގެ ސިކުންނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި ގާތްގަނޑަކަށް 3000 އެއްހާ މީހުން މަރުވެފައިވެއެވެ. ސިކުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ، އިންދިރާ ގާންދީ އަވަހާރަ ކޮށްލީ ސިކު ދީނަށް ނިސްބަތްވާ ބޮޑީގާޑުންތަކެއްކަން ހާމަވުމުންނެވެ.

މިއަދު މަރުގެ ޙުކުމް އިއްވާފައިވާ މީހަކީ 3000 އެއްހާ މީހުން މަރާލި ކުށުގައި ކުށްވެރިވާ މީހެކެވެ. އެމީހާގެ ނަމަކީ ޔަޝްޕަލް ސިންގު އެވެ.

1984 ވަނަ އަހަރުގެ އެންޓި ސިކް ރަޔަޓުގެ ތެރެއިން

ދިއްލީ ހައިކޯޓުގައި މިއަދު އޭނާއަށް މަރުގެ ޙުކުމް ކުރުމަށް އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްގެންނެވެ. ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވަނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމެއްގައި ކުށްވެރިވާ ބަޔަކަށް ހަމަލާ ދީފައިވާތީއެވެ.

މި މީހާގެ މައްޗަށް މަރުގެ ޙުކުމް ކުރުމުގެ އިތުރުން، މިކަމުގައި ޝާމިލުވާ އެހެން ބައެއް ފަރާތްތަކުގެ މައްޗަށްވެސް އެކި ވަރުގެ ޙުކުމްތައްވަނީ ކޮށްފައެވެ. އޭގެތެރޭގައި އުމުރަށް ޖަލަށްލުންވެސް ހިމެނެއެވެ.

މި ޙުކުމާއެކު، މަރުވި 3000 މީހުންގެ އާއިލާތަކުންވަނީ އުފާ ފާޅުކޮށްފައެވެ. އަދި، މިއީ ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު