މީގެ އަހަރުތަކެއް އަހަރު ކުރިން ފެށިގެން ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަން ޖެހިފައިވަނީ ޔަމަނުގެ އުޅެމުންދާ ނިކަމެތި ރައްޔިތުންނެވެ. ވަކީން ޚާއްޞަކޮށް، ޔަމަނުގެ ކުށެއް ނެތް މައުސޫމު ކުޑަކުދިން މިކަމުގައި ދައްކަން ޖެހިފައިވާ އަގުވަނީ ބޮޑުވެފައެވެ.

ޔަމަނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއްކަމުގައިވާ "ސޭވް ދަ ޗިލްޑްރަން" އިން ހާމަކޮށްފައިވާ ގޮތުގައި މީގެ ތިން އަހަރު ކުރިން ފެށިގެން މި ފަހަކާ ހަމައަށް، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ހައިހޫނުކަމުގައި ޔަމަނުން މަރުވި ކުޑަކުދިންގެ އަދަދުވަނީ 85،000 އަށް އަރާފައެވެ.

2015 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި ހިނގާ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް އިސްވެ ބަޔާން ކުރެވުނު އަދަދުގެ ކުޑަކުދިން މަރުވެފައިވާކަމަށް އަންދާޒާ ކުރެވޭއިރު، އޭގެތެރޭގައި ގިނަ އަދަދަކަށް ފަސް އަހަރުން ދަށުގެ ކުޑަކުދިންވެސް ހިމެނޭކަމަށް، އދ. އިން އެއްކޮށްފައިވާ ތަފާސްހިސާބުތަކާ ހަވާލާދީ އެޖަމާއަތުން ބުނެފައިވެއެވެ.

އެޖަމާއަތުން އިތުރަށް ބުނެފައިވާ ގޮތުގައި ހައިހޫނުކަމުގެ ސަބަބުން ކާބޯތަކެތި ނުލިބި، އެކުދިން މަރުވުމުގެ ކުރިން އެކުދިން އެތައް ވޭނެއް އަޅައެވެ. އެގޮތުން، އެކުދިންގެ ހަށިގަނޑުގެ މުޙިއްމު ހުރިހާ ގުނަވަންތަކެއް މަސައްކަތް ކުރުން ހުއްޓޭއިރު، މި މަންޒަރު ބަލައިގެން ތިބުން ނޫން އިތުރު ގޮތެއް އެކުދިންގެ ބެލެނިވެރިންނަށްވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ޔަމަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނޑަށް ޖެހިފައިވަނީ، ސައުދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގުޅިގެން ޔަމަނަށް ދޭން ފެށި ޙަމަލާތަކާއެކު، އެޤައުމުގެ ވިޔަފާރި މުދަލުގެ އިމްޕޯޓް އެތައް ތަނަށް ދަށަށް ދިއުމުގެ ސަބަބުންނެވެ. އެގޮތުން، ޔަމަނުގެ ހުދައިދާ ބަނދަރު މެދުވެރިކޮށް އެތެރެ ކުރާ މުދަލުގެ އަދަދު މަހަކު 55،000 އިން މަދުވިކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ، އެޤައުމުގެ 4.4 މިލިއަން މީހުންނަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. 4.4 މިލިއަން މީހުންގެ ތެރެއިން 2.2 މިލިއަނަކީ ކުޑަކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަޝޯގީ

    ސައުދީ ވަލީ އަހުދައް ނިދޭވަރުވާނީ ދުވާލަކު ހާހެއް ހާ ޔަމަނުގެ މައުސޫމުން މަރާލެވުނީމަ.. މިއޮތީ ވާ އިސްލާމީގައުމައް އުންމަތައް ލިބިފަ.. މައުސޫމު ކުދީންގެ ލޭބޯން އުޅެނީ ތެލުން ލިބޭ ލާރިގަނޑު މަދުވެގެން.