ގުއަޓަމޭލާގައި ދާޚިލީ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު ހިންގި ގަތުކުއާންމަކާ ގުޅިގެން، އެޤައުމުގެ ކުރީގެ ސިފައިންގެ މީހަކު 5000 އަށްވުރެ ގިނަ އަހަރު ވަންދެން ޖަލުގައި ބަންދުކުރުމަށް އެޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ދެކުނު އެމެރިކާގެ ޤައުމެއްކަމުގައިވާ ގުއަޓަމޭލާގެ ކޯޓުން، 5130 އަހަރު ވަންދެން ޖަލުގައި ބަންދުކުރުމަށް ޙުކުމް ކޮށްފައިވަނީ ސަންތޯސް ލޮޕޭޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ސަންތޯސްގެ މައްޗަށް ކޯޓުން ޙުކުމް ކޮށްފައިވަނީ، ގަތުލުއާންމުގެ ތެރޭގައި އޭނާ މަރާލި ކޮންމެ މީހަކަށް 30 އަހަރުގެ ޖަލު ހުކުމެއް ލިބޭގޮތަށެވެ. އަދި، ކުޑަކުއްޖެއް މަރާލުމުން އިތުރު 30 އަހަރު ޖަލުގައި ބަންދުކުރުމަށް ޙުކުމް ކޮށްފައިވާއިރު، ޖުމުލަ ބަންދުގައި ބަހައްޓަން ޖެހޭ މުއްދަތަކީ 5130 އަހަރެވެ.

ގަތުލުއާންމުގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އޭނާއާއި އޭނާ ނިސްބަތްވާ އަސްކަރިއްޔާ ޕެޓްރޯލުން މި ޖަރީމާ ހިންގާފައިވަނީ 1982 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ އެމެރިކާގައި ތަމްރީނު ވެފައިވާ އަސްކަރިއްޔާގެ ޚާއްޞަ ފައުޖެއްގެ މީހެއްކަމަށްވެސްވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާ އިން އޭނާ ހައްޔަރުކޮށްފައިވާއިރު އެޤައުމުން ވަނީ ސަންތޯސް ޑީޕޯޓް ކޮށްލާފައެވެ.

މީގެއިތުރުން، ސަންތޯސް ނިސްބަތްވި ކުރީގެ ފައުޖުގެ އެހެން މެންބަރުންނަށްވެސް ގިނަ އަހަރުތަކެއް ޖަލުގައި ބަންދުކުރުމަށް ހުކުމް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގުއަޓަމޭލާގެ ޑޮސް އެރެސްގައި ހިންގާފައިވާ މި ގަތުލުއާންމަށް ބިނާކޮށް ޑޮކިއުމެންޓްރީ ފިލްމެއްވެސް އުފައްދާފައިވެއެވެ. އަދި، މި ޑޮކިއުމެންޓްރީ އަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުން ބޮޑު ސަމާލުކަމެއްވެސް ލިބިފައިވެއެވެ.