ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސިއްހީ ހާލުކޮޅު ދެރަވެ ހިނގައި ބިނގައިވެ ނޫޅެވޭ ވަރު ވެއްޖެ ކަމަށް ޒިމްބާބްވޭގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު އުމުރުފުޅުން 94 އަހަރު ވެފައިވާ މުގާބޭ އެނދުމަތި ވެފައިވާ ކަމަށް ވިދާޅުވީ ޒިމްބާބްވޭގެ ރައީސް އެމާސަން މަންގަގްވާއެވެ.

އެމާސަން ވިދާޅުވީ ފާއިތުވި ދެމަސް ދުވަހު މުގާބޭ އަށް ސިންގަޕޫރުގައި ފަރުވާ ދީފައިވާ ކަމަށެވެ.

"އެމަނިކުފާނު މިހާރު މުސްކުޅިފުޅު ވެއްޖެ. މިހާރު ހިނގައިބިނގައިވެ ވެސް ނޫޅެވޭ. އެމަނިކުފާނު ބޭނުންފުޅުވާ ހުރިހާ ކަމެއް މިދަނީ ކޮށްދެމުން." އެމާސަން ވިދާޅުވިއެވެ.

އެމާސަން މިހެން ވިދާޅުވީ މުގާބޭގެ ގެކޮޅު ކައިރިއަށް އެއްވެފައިވާ މުގާބޭގެ އެތައް ސަތޭކަ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމާސަން ވިދާޅުވީ މުގާބޭ އަކީ ޒިމްބާބްވޭގެ ބައްޕަ ކަމަށާއި މުގާބޭގެ ހާލު ޒިމްބާބްވޭ ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށެވެ.

1980 ވަނަ އަހަރު އިނގިރޭސީންގެ އަތުން ޒިމްބާބްވޭ މިނިވަން ވުމުން އެގައުމުގެ ވެރިކަމަށް ވަޑައިގެންނެވި މުގާބޭ ވަނީ ސާޅިހަކަށް އަހަރު އެގައުމުގެ ވެރިކަން ކުރައްވާފައެވެ.

މުގާބޭ އަށް މިހާރު ވެސް ސިންގަޕޫރުގައި ފަރުވާ ދެމުން ދާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިމަހު މުގާބޭ ގައުމަށް ވަޑައިގަންނަވާނެއެވެ.

ސިފައިން ނިކުމެ ސަރުކާރާއި ދެކޮޅު ވުމުން މުގާބޭ ރައީސް ކަމުން އިސްތިއުފާ ދެއްވިތާ މިމަހު އެއްއަހަރު ފުރޭނެއެވެ.

މުގާބޭގެ ސަރުކާރާއި ދެކޮޅަށް ސިފައިން ނިކުތީ އޭރު ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް އެމާސަން މަގާމުން ދުރުކުރުމުންނެވެ. އެމާސަން އަކީ ޒިމްބާބްވޭގެ ސިފައިން ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެކެއެވެ.