މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޖަމާލް ޚަޝޯޤީގެ މަރާ ގުޅިގެން، ތުރުކީގެ ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސް ކުރަން ފަށައިފިއެވެ.

ތުރުކީގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އަމުރުގެ ދަށުން އެޤައުމުގެ ފުލުހުން އިއްޔެ ހެނދުނުން ފެށިގެން ބަލާ ފާސް ކުރަމުން ދަނީ ދެ ވިލާއަކާއި އެތަންތަނުގެ ވަށައިގެންވާ 100 ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ.

އިސްތަންބޫލުގައި ހުރި މި ވިލާތަކަކީ ބޮޑެތި ބަގީޗާތަކާއި ބޮޑެތި ފެންގަނޑުތައް ހިމެނޭ ތަންތަނަށް ވުމުން، ބަލާ ފާސްކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ވަސީލަތް ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން، ކުއްތާ އާއި ގިނަ އަދަދެއްގެ ޑްރޯންވެސް ދަނީ ބޭނުން ކުރަމުންނެވެ.

ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި ޚަޝޯޤީގެ މަރާ ގުޅިގެން ބަލާ ފާސް ކުރަމުންދާ ވިލާތަކުގެ ތެރެއިން އެއް ވިލާ އަކީ ސައުދީގެ ވަރުގަދަ ވިޔަފާރިވެރިއެއްކަމުގައިވާ މުޙައްމަދު އަޙުމަދު އަލްފައުޒަންގެ ތަނެކެވެ. އޭނާއަކީ ސައުދީގެ ވަލީއަޙުދު، މުޙައްމަދު ބިން ސަލްމާން އާ ގާތް ގުޅުންތަކެއް އޮންނަ މީހެއްކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ތުރުކީގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޚަޝޯޤީ މަރާލުމުގެ އެއް ދުވަސް ކުރިން، މި ވިލާތަކަށް ފޯނު ކޯލެއް ކޮށްފައިވެއެވެ. މި ކޯލްތަކުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ހަށިގަނޑެއް ނައްތާލާނެ ނުވަތަ ޑިސްޕޯސް ކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. ވިޔަފާރިވެރިޔާ އަލްފައުޒާން އަށް މި ފޯން ކޮށްފައިވަނީ ނޫސްވެރިޔާ މަރާލަން ދިޔަ ސްކޮޑުގައި ހިމެނޭ އެކަކު ކަމުގައއިވާ އުޘްމާން އަބަޙުސައިން އެވެ.

މީގެކުރިންވެސް ތުރުކީގެ ފުލުހުންވަނީ ގިނަ އަދަދެއްގެ ތަންތަން، މި މަރާ ގުޅިގެން ބަލާ ފާސްކޮށްފައެވެ. އޭގެތެރޭގައި ކޮންސިއުލޭޓާއި ކޮންސުލް ޖެނެރަލްގެ ގެވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާހިރު

    މަރާލާފައޮއްވަ ކާކަށްބާ ފެނުނީ! ނުފެނިގެންދޯ މިއުޅެނީ.

  2. މަލާ

    އެކަމެއް ނޭންގޭ ދޯ ޚަބަރުގަ އެއޮތީ ވިއްޔާ ބުނެފަ މަރާލައިފައި އޮއްވާ ފެނުނު ހަށިގަނޑޯ.