އިނގިރޭސިވިލާތުގެ ވިލްޓްޝަޔާރގައި މިދިޔަ ހަފްތާތެރޭގައި ނާރވް އެޖެންޓެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގެ ސަބަބުން ސީރިއަސް ހާލުގައި އޮތް ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓް ސާރގެއި ސްކްރައިޕަލްގެ މައްސަލައިގައި އިނގިރޭސިވިލާތުން ރަޝިޔާއަށް ދިން މުހުލަތެއްގެ ސަބަބުން ރަޝިޔާއިން އިނގިރޭސވިލާތަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އިނގިރޭސިވިލާތުން ވަނީ ރަޝިޔާގައި އުފެއްދުނުކަމަށް ބެލެވިފައިވާ ނާރވް އެޖެންޓް އަދި ވިލްޓްޝަޔާރގައި ބޭނުންކުރެވުނު ނާރވް އެޖެންޓް ނޮވިޗޮކް ގެ ސާމްޕްލްތަކާއި މައުލޫމާތު ދިނުމަށް އެގައުމަށް މުހުލަތެއް ދީފައެވެ.

އިނގިރޭސިވިލާތުން ވަނީ ވިލްޓްޝަޔާރގައި ދެވުނު ހަމަލާގެ ފަހަތުގައި ރަޝިޔާ އޮތްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ބުނެފައެވެ. އަދި އިނގިރޭސިވިލާތުން ވަނީ އެމެރިކާ، ޖަރުމަންވިލާތް އަދި ފަރަންސޭސިވިލާތް ވެސް އިނގިރޭސިވިލާތާއިއެކު މި މައްސަލައިގައި އޮތްކަމަށް ބުނެފައެވެ. އެހެންނަމަވެސް ރަޝިޔާއިން ވަނީ އިނގިރޭސިވިލާތުން ދިން އެ މުހުލަތަށް މާ ބޮޑު ސަމާލުކަމެއް ނުދީ އެ މުހުލަތް ފަހަނައަޅައި ދިޔުމާއިއެކު އިނގިރޭސިވިލާތުން ނިއުކްލިއާރ ބާރަކާއި ދެކޮޅަށް އިންޒާރުދިނުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނެފައެވެ.

ރަޝިޔާއިން ވަނީ އެ ހަމަލާ އަމާޒުކުރެވުނު ރަޝިޔާގެ ކުރީގެ އެޖެންޓް ސާރގެއި ސްކްރައިޕަލްގެ ހަށިގަނޑުން ފެނުނު ނާރވް އެޖެންޓްގެ ސާމްޕްލްތަކެއް ތަހުލީލުކުރުމަށް ދިނުމަށް އިނގިރޭސިވިލާތަށް ގޮވާލައިފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރަޝިޔާގެ އެމްބަސީއިންވެސް ވަނީ ޓްވިޓާރ މެދުވެރިކޮށް އިނގިރޭސިވިލާތުންވެސް ސޮއިކޮށްފައިވާ ކެމިކަލް ވެޕަންސް ކޮންވެންޝަންއަށް ތަބާވުމަށާއި ދެ ގައުމު އެކުގައި އެ ހަމަލާ ތަހުގީގުކުރުމަށް ގޮވާލައިފައެވެ.

އަދި ރަޝިޔާއިން އެ ހަމަލާގެ ފަހަތުގައި އޮތްކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ހަބަރުގެ ގޮތުގައި ސިފަކުރައްވައިވެސް އެމްބަސީއިން ވަނީ ޓްވީޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު