ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން މިއަދު އާޖެންޓީނާ އަށް ވަޑައިގެންފައި ވާއިރު މިދަތުރުފުޅުން އޭނާ އެނބުރި ސައުދީ އަރަބިއްޔާ އަށް ވަޑައިގަތުމުގެ ކުރިން ހައްޔަރު ކުރެވިދާނެތޯ އާޖެންޓީނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ބަލަން ފަށައިފިއެވެ.

މުހައްމަދު ހައްޔަރު ކުރެވިދާނެތޯ އާޖެންޓީނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ބަލަން ފަށާފައި ވަނީ މުހައްމަދު ހައްޔަރު ކުރުން އެދި ހިއުމަން ރައިޓްސް ވޮޗް އިން ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުންނެވެ. ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި މުހައްމަދަކީ ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގައި އާންމު ރައްޔިތުން މެރުމާއި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ޒިންމާ ނަގަން ޖެހޭ ފަރާތެވެ.

އެހެންކަމުން ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މުހައްމަދު ހައްޔަރު ކުރެވެން ޖެހޭނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެއެވެ.

އާޖެންޓީނާގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށް ވެސް ޖަވާބެއް ދޭން ޖެހޭނެތީ ވަލީއަހްދު ހައްޔަރު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ އޮތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިސްތަށިފުޅުގައި އެޅިފައެވެ.

އާޖެންޓީނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ވަލީއަހްދު މުހައްމަދު ހައްޔަރު ކުރުމުގެ އަމުރެއް ހޯދަން ހިއުމަން ރައިޓްސް ވޮޗް އިން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ވަލީއަހްދު މުހައްމަދު އާޖެންޓީނާ އަށް ވަޑައިގެންފައި ވަނީ ޑިޕްލޮމެޓުންނަށް ލިބޭ ހާއްސަ އިމްތިޔާޒްގެ ދަށުން ކަމަށްވާތީ ވަލީއަހްދު މުހައްމަދު ހައްޔަރު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ދެކެވަޑައިނުގަންވާ ކަމަށެވެ.

ވަލީއަހްދު މުހައްމަދު އާޖެންޓީނާއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި ޖީ20 ސަމިޓްގައި ބައިވެރިވަޑައިގެންނެވުމުގެ އިތުރުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިންނާއި ވަކިވަކިން ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

މީގެ ކުރިން ވެސް ބައެއް ގައުމުތަކުގެ ވެރިން ބައްދަލުވުންތަކަށް ގައުމުތަކަށް ވަޑައިގަތުމުން އެބޭފުޅުން ހައްޔަރުކުރަން ޖަމިއްޔާތަކުން ކޯޓަށް މައްސަލަ ވައްދާފައި ވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ކާމިޔާބު ކުރުމަކީ ކުރެވޭ ކަމަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީލް

    ބައިނަލްއަގުވާމީ ގާނޫނު ތަކުގެދަށުން އެމެރިކާޔާ އިޒްރޭލާ ރަޝިޔާއާ އިނގިރޭސިވިލާތުގެ ވެރިން ހަޔައްރުކުރަން ނުބުނަނީ ކީއްވެބާ