އޮސްޓްރޭލިޔާގެ ކުއީންސްލަންޑުގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު، އާއްމުން ދިރިއުޅޭ ސަރަޙައްދުތަކާ ހަމައަށް ފޯރާ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކުއީންސްލަންޑުގެ ޖަންގަލީގައި ރީވި އަލިފާންގަނޑު، މިހާ ނުރައްކާތެރި ދަރަޖައަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން، އެސަރަޙައްދަށް ނެރެފައިވާ އިންޒާރުގެ ދަރަޖަވެސް ވަނީ އެންމެ މައްޗަށް އުފުލާފައެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއީންސްލަންޑުގެ ގްރޭސްމެޔާ އަދި ޕްރެމިއަރ އަނަސްޓަސިޔާ ޕްލަސްޒުޗުކް ސަރަޙައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބަޔަކަށްވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން އަންގާފައެވެ. އެގޮތުން، 8000 އެއްހާ މީހުން، އެސަރަޙައްދުތައް ދޫކޮށް ދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވެއެވެ.

އެހެންނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަމެއް، ގެއްލިފައިވާކަމެއް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވެއެވެ.

މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ރޯވާން ފެށި އަލިފާންގަނޑުގެ ސަބަބުން އެތައް ބައެއްގެ މުދަލަށާއި އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ހަމައެހެންމެ، އަލިފާނުގެ ނުރައްކާ ބޮޑުވެފައިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ޖަންގަލިތަކުގައި ރޯވެ، އަލިފާންގަނޑު ފެތުރުމަށް މަގުފަހިވި އެންމެ ބޮޑު އެއް ސަބަބަކީ އެސަރަޙައްދުގެ ފިނިހޫނުމިން މައްޗަށް ގޮސްފައިވުމެވެ. އެގޮތުން ގިނަ ސަރަޙައްދުތަކެއްގެ ފިނިހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސް ގައެވެ. މިކަމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލަންޑް ސަރަޙައްދުގައި ހުރި ޖަންގަލިތަކުގައި ރޯވެ އަނދަމުންދާއިރު، އެޤައުމުގެ ސިޑްނީގެ ގިނަ ސަރަޙައްދުތަކުގައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައެވެ.

މި މަހުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައިވެސް ރޯވެފައިވެއެވެ. އެކަމުގެ ސަބަބުން އެސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖާޚަބަރު

    ދިވެހިރާއްޖޭގައި މަރުގެހުކުމް ތަންފީޒު ނުކުރާނެކަމުގެ ޔަގީންކަމާއެކު އޮސްޓްރޭލިޔާގެ ސަފީރު އުފާވެއްޖެ.