އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓުގެ މަޤާމުން ރެކްސް ޓިލަސަން ވަކިކޮށް، އެމަޤާމަށް ސީއައިއޭގެ ޑިރެކްޓަރު އައްޔަންކޮށްފިއެވެ.

އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޓިލަސަން އާއި ދެމެދު ޖެހިފައިވާ މައްސަލަތަކެއްގެ ސަބަބުން ޓިލަސަން މަޤާމުން ވަކިކޮށްފައިވާއިރު، މިކަން އާއްމުންނަށް އަންގާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.

ޓްރަމްޕް ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ސީއައިއޭގެ ޑިރެކްޓަރުގެ މަޤާމުގައި ހުރި މައިކް ޕޮމްޕިއޯ، އެޤައުމުގެ ސެކެރެޓަރީ އޮފް ސްޓޭޓަށް ވާނޭކަމަށެވެ. އަދި، އޭނާ ރަނގަޅު މަސައްކަތްތަކެއް ކުރާނެކަމަށް ބުނެފައިވާއިރު ޓިލަސަންގެ މަސައްކަތްތަކެއް ޓްރަމްޕް ޝުކުރު އަދާކޮށްފައިވެސްވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ބައިނަލްއަޤުވާމީ ގިނަ މައްސަލަތަކެއްގައި ޓްރަމްޕް އާއި ޓިލަސަންގެ ޚިޔާލުވަނީ ތަފާތުވެފައެވެ. އެގޮތުން، ޤަތަރާމެދު މެދުއިރުމަތީގެ ޤައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގަޔާއި އުތުރު ކޮރެއާގެ މައްސަލައިގައި ދެމީހުންގެ ޚިޔާލުވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ.

ވަކީން ޚާއްޞަގޮތެއްގައި، އުތުރު ކޮރެޔާގެ މައްސަލައިގައި އެމެރިކާގެ ފަރާތުން ކަންކަން ކުރިއަށް ގެންދިޔުމަށް ޓްރަމްޕް އައު ޓީމެއް ބޭނުންވުމާއި އުތުރު ކޮރެޔާގެ ލީޑަރާ ޓްރަމްޕް ބައްދަލުކުރުމުގެ ކަންކަން، މައްސަލަ ޖެހެން ދިމާވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މަޤާމުން ވަކިކުރިއިރު ޓިލަސަން ހުރީ އޭނާގެ އަމިއްލަ ދަތުރެއްގައި އިތިއޯޕިޔާގެ އަދިސް އަބާބާގައެވެ. މީގެ ހަފްތާއެއް ކުރިން ޓިލަސަންގެ ބައްޕަވެސްވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު