ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އޮސްޓްރޭލިޔާގެ އައްސޭރި ފަށުގައި ބާރުގަދަ ތޫފާނެއް އުފެދޭނެ ކަމުގެ އިންޒާރު އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ދީފިއެވެ.

މި ތޫފާން އޮސްޓްރޭލިއާއަށް އަރާނެ ކަމަށް ބެލެވެނީ އޮސްޓްރޭލިޔާގެ ކުއީންސްލަންޑުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ގަނޑު ހިމެނޭ ސަރަހައްދަށެވެ.

އޮސްޓްރޭލިޔާ ކައިރިން ސޮލޮމަން އައިލެންޑްސްގެ 1000 ކިލޯމީޓަރުގެ ބޭރުން އުފެދިފައިވާ ކޮޅިގަނޑު މިހާރު ދަނީ ބާރުގަދަ ވަމުން ކަމަށާއި އަންނަ އާދިއްތަ ދުވަހު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ކުއީންސްލޭންޑްގައި ރޯވާން ފެށި އަލިފާންގަނޑުގެ ސަބަބުން އެތައް ބައެއްގެ މުދަލަށާއި އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަލިފާން ނިންވާ ފަރާތަކުން ލަފާކުރަަގޮތުގައި ތޫފާނުގެ ސަބަބުން އަލިފާން ނިންވަން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެއެވެ.

ކުއީންސްލަންޑުގެ ގްރޭސްމެޔާ އަދި ޕްރެމިއަރ އަނަސްޓަސިޔާ ޕްލަސްޒުޗުކް ސަރަޙައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބަޔަކަށްވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން އަންގާފައެވެ. އެގޮތުން، 8000 އެއްހާ މީހުން، އެސަރަޙައްދުތައް ދޫކޮށް ދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވެއެވެ.

ޖަންގަލިތަކުގައި ރޯވެ، އަލިފާންގަނޑު ފެތުރުމަށް މަގުފަހިވި އެންމެ ބޮޑު އެއް ސަބަބަކީ އެސަރަޙައްދުގެ ފިނިހޫނުމިން މައްޗަށް ގޮސްފައިވުމެވެ. އެގޮތުން ގިނަ ސަރަޙައްދުތަކެއްގެ ފިނިހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސް ގައެވެ. މިކަމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލަންޑް ސަރަޙައްދުގައި ހުރި ޖަންގަލިތަކުގައި ރޯވެ އަނދަމުންދާއިރު، އެޤައުމުގެ ސިޑްނީގެ ގިނަ ސަރަޙައްދުތަކުގައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައެވެ.