އިޒްރާއިލުގެ އަނިޔާވެރި ބޮޑުވަޒީރު, ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިއްޖެއެވެ.

އެޤައުމުގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކެއްގައި، ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާ ނަތަންޔާހޫ ބައިވެރިވެފައިވެއެވެ. އަދި، މި މައްސަލަތަކާ ގުޅިގެން އެފަރާތްތައް ކުށްވެރިވާވަރުގެ ބޮޑެތި ހެކިތައް ހޯދާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނަތަންޔާހޫ ކުށްވެރިވާ މައްސަލަތަކުގެ ތެރޭގައި ފްރޯޑުގެ މައްސަލަތަކާއި، ރިޝްވަތު ޤަބޫލު ކުރުމާއި ދިނުމުގެ މައްސަލަތައް އަދި ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވެފައިވާ މައްސަލަތައް ހިމެނެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ނަތަންޔާހޫގެ ބާރުން، ޔަހޫދީ އިޒްރާއިލުގައި ހިންގާ މުވާސަލާތީ ޚިދުމަތް ދޭ ކުންފުންޏަކަށް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ލުއިތަކެއް ދީފައެވެ. ހަމައެހެންމެ، ނަތަންޔާހޫއާ ބެހޭގޮތުން މީޑިޔާގައި ޕޮޒިޓިވް ނުވަތަ ރަނގަޅު ވާހަކަތައް ދެއްކުމަށް ނޫހަކަށްވެސް އޭނާ ރިޝްވަތު ދީފައިވެއެވެ.

މި މައްސަލަތަކުގައި ފުލުހުން ނަތަންޔާހޫއާ ސުވާލު ކޮށްފައިވާއިރު ނަތަންޔާހޫގެ ގާތުގައި ވަރަށް ކައިރިން މަސައްކަތް ކުރި ދެ މީހަކު ހައްޔަރުކޮށްފައިވެސްވެއެވެ.

މީގެކުރިންވެސް، ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، ބިލިއަނަރު ރައްޓެހިން، އެކި ކަންކަމުގެ ބަދަލެއްގެ ގޮތުގައި ދޭ ހަދިޔާ ޤަބޫލުކުރުމާއި އެކި ބޭނުންތަކަށް މީޑިޔާގެ ވަސީލަތްތަކަށް ރިޝްވަތު ދިނުން ހިމެނެއެވެ.

އެހެންނަމަވެސް، ނަތަންޔާހޫ ވަނީ މިކަންކަމަށް އިންކާރު ކޮށްފައެވެ. އޭނާ ބުނެފައިވަނީ މިކަންކަމުގައި އެއްވެސް ހަޤީޤަތެއް ނެތީ ހަމަ އަސްލަށްވެސް މިކަންކަމުގައި ހަޤީޤަތެއް ނެތުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު