ދުނިޔޭގެ ދިރުންތައް ނެތިކޮށްލާ ވަރުގެ ބިޔަ ގިނިހިލައެއް ކަމަށްވާ " ބެނޫ " ގައި ނާސާގެ އުޅަދެއް ކާމިޔާބު ކަމާއެކު މިއަދު ޖައްސައިފިއެވެ.

ނާސާގެ "އޮސިރިސް ރެކްސް" އުޅަދު މި ގިނިހިލައަށް ފޮނުވާލީ މީގެ ދެ އަހަރު ކުރިންނެވެ. މިއުޅަދު ގިނި ހިލަ ބެނޫ އަށް ދާން ދެ ބިލިއަން ކިލޯމީޓަރުގެ ރާސްތާއެއް ވަނީ ކަޑައްތު ކުރިއިރު ނާސާގެ މަގުސަދަކީ މި ގިނި ހިލައިގެ ސާންޕަލް ދުނިޔެއަށް ގެނައުމެވެ.

ނާސާއިން ލަފާ ކުރަނީ 2023 ވަނަ އަހަރު މި ގިނިހިލައިގެ ސާންޕަލް ނާސާގެ އުޅަދުގެ އެހީގައި އަނބުރާ ދުނިޔެއަށް ގެނެވޭނެ ކަމަށެވެ. މިއުޅަނދު ބެނޫއާ ކައިރިން ދަތުރުކޮށް އޭގައިވާ ވަޔާއި، ކުނޑީގެ ސާމްޕަލް އަނބުރާ ދުނިޔެއަށް ގެންނާނެއެވެ. މި ސާމްޕަލްތަކުން ގިނިހިލައިގައި ވަނީ ކޮންކޮން މާއްދާތަކެއްކަން ދެނެގަނެ ގިނިހިލަ ގޮއްވާލުމަށް ކުރަންޖެހޭ މަސައްކަތް އެނގިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

1999 ވަނަ އަހަރު ފުރަތަމަ ފެނުނު މި ގިނިހިލައިގެ ބޮޑުމިނުގައި 1600 ފޫޓު ނުވަތަ 490 ވަރަކަށް މީޓަރު ހުރެއެވެ. އަދި ގާތްގަނޑަކަށް 87 މިލިއަން ޓަނުގެ ބަރުދަން ހުރި މި ގިނިހިލައިގެ ދުވެލި، ގަޑިއަކު 101،388 ކިލޯމީޓަރު ބާރުމިނަށް އަރައެވެ. މި ގިނިހިލައިން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ނާސާއިން ދަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް، މި ގިނިހިލަ ގޮއްވާލުމަށް ނުވަތަ މިސްރާބު ބަދަލު ކުރުމަށް ރާވަމުންނެވެ.

މި ގިނިހިލަ ދުނިޔެއާ އެންމެ ކައިރިން ދަތުރު ކުރާނެ ކަމަށް ބެލެވެނީ 2135 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން ނާސާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން މި ގިނިހިލަ ގޮއްވާލުމަށް ރާވަމުންދާ ރޭވުމަށާއި ތައްޔާރީތަކަށް ގަރުނެއް އެބަ އޮތެވެ.

މި ގިނި ހިލަ ދުނިޔޭގައި ޖެއްހިއްޖެ ނަމަ 1945 ވަނަ އަހަރު، ޖަޕާންގެ ހިރޯޝިމާ އަބަދަށްޓަކައި ބަދަލުކޮށްލި ނިއުކްލިއަރ ބޮމަށްވުރެ 80،000 ގުނަ ބާރުގަދަ ގޮވުމެއް ގޮވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިރުވެތިވާ މީހާ

    ﷲ ގެ ކުޅަދުން ވަންތަކަމާ ކުޅެންއުޅެނީތަ. ނުވަނެ ތިކަމެއް. ހުއްޓާލާފަ އިންސާނުންގެ ތެރެގައި މިއުޅެމުންދާ ފަގީރުންގެ ހާލަތު ރަގަޅުކުރުމަށް ތިޔަ ފައިސާ ޚަރަދުކުރަންފަށާބަލަ/