އަވައްޓެރި ލަންކާއިން ރިކޯޑު އަދަދެއްގެ މަސްތުވާތަކެތި އަތުލައިފިއެވެ.

ރިޕޯޓުތަށް ބުނާގޮތުން ލަންކާއިން އަތުލައިގަތީ ހެރޮއިންގެ ބޮޑު ޝިޕްމަންޓެއް ކެވެ. މި ޝިޕްމަންޓް އަތުލައިގެންފައިވަނީ ބެރުވަލާ ބަލަޕިޓިޔާ ބީޗް ސަރަހައްދުން، ލަންކާ ފުލުހުންގެ ނާރކޮޓިކް ބިއުރޯއާއި ސްޕެޝަލް ޓަސްކްފޯސްގެ އިތުރުން އެގައުމުގެ ނޭވީ ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި އިއްޔެއެވެ.

މި އޮޕަރޭޝަންގައި 231 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ. މިއީ ސްރީލަންކާއިން މިހާތަނަށް އެއްފަހަރާ އަތުލައިގަނެވުނު ހެރޮއިންގެ ދެވަނައަށް އެންމެ ބޮޑު ޝިޕްމަންޓް ކަމަށެވެ. މި ޝިޕްމަންޓުގެ އަގު 2،778 މިލިއަން ރުޕީސްއަށް އަރާނެ ކަމަށް ލަންކާ ފުލުހުން އަންދާޒާ ކުރެއެވެ.

ސްރީލަންކާގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެ ގައުމުގެ ކެބިނެޓުގެ މިދިޔަ ޖޫން މަހު ވަނީ ފާސްކޮއްފައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން މިހާރުވެސް ލަސްވެފައިވާ ކަމަށާއި އެކަން ކުރަންވެއްޖެތާ މިހާރު 15 އަހަރު ވެފައިވާ ކަމަށް ބައެއް މިނިސްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާގައި މިހާރުވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ބައެއް މީހުންނަށް މަރުގެ އަދަދު ދޭން ވަނީ ހުކުމްކޮށްފައެވެ. މަރުގެ އަދަބު ދިނުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތަކާއި ބަލަންޖެހޭ ބެލުންތައް ބަލާނެ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ލަންކާގެ ޕްރިޒަން އޮފިސަރުން ހާމަކުރާ ގޮތުގައި އެގައުމުގެ ޖަލުތަކުގައި މަރަން ހުކުމްކޮށްފައިވާ 373 މީހުން މިހާރުވެސް އެބަތިއްބެވެ. މީގެތެރޭގައި ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި މަރަން ހުކުމްކޮށްފައިވާ 18 ކުށްވެރިއަކު ވެސް ހިމެނެއެވެ.

ބޮޑެތި ކުށްތަކުގައި ލަންކާގައި މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް 1976 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމް ތަންފީޒް ކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    މި ދިވެހި ރާއްޖޭގަވެސް ޑްރަގްލޯރޑުންނަށް މަރުގެ އަދަބު ދޭންވީ އެކަމު މިހާރު މިއޮތް ޒަޔަނިސްޓް ސަރުކާރުގަ އެކަމެއް ނުކުރާނެ !