ބޭރަށްހިންގުމުގެ ބައްޔެއް ފެތުރެމުންދާކަމަށް އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ކުޑަކުދިންނާއިި ތުއްތު ކުދިންކަމުގައެވެ.

"ކްރިޕްޓޮސްޕޮރިޑިއޯސިސް" ގެ ނަމުން ނަން ދީފައިވާ މި ބަލި އޮސްޓްރޭލިޔާގެ ފެތުރެމުންދާއިރު، މި ބަލި އެންމެ އާއްމުކޮށް ފެތުރެމުން ދަނީ އެޤައުމުގެ ސްވިމިންގ ޕޫލުތަކުގައިކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ބަލި ޖެހެނީ ސްވިމިންގ ޕޫލުގެ ފެން ބޮވުމުން ނުވަތަ އެހެންވެސް ގޮތަކުން އޭގެ އަސަރު ހަށިގަނޑަށް ކޮށްގެންނެވެ.

އޮސްޓްރޭލިޔާގެ ގިނަ އަދަދެއްގެ ސްވިމިންގ ޕޫލުތަކެއްގެ ފެންގަނޑުގައި މި ބަލި ޖައްސާ ޖަރާސީމު ހުރިކަމަށް ބެލެވޭއިރު އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އާއްމު ސިވްމިންގ ޕޫލުތައް ބޭނުންކުރުން މަޑުޖައްސާލުމަށްވެސް އަންގާފައެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ބަލި ޖެހުމުން އެތައް އަސަރެއް ހަށިގަނޑަށް ކުރެއެވެ. އެގޮތުން، ގިނައިން ހޮޑުލެވުމާއި، ބޮޑުކަމު ދެވުމާއި، ހޮޑު ލަވާފައި ހުންނަހެން ހީވުން، ބަނޑުގައި ރިއްސުން އަދި ހުން އައުންވެސް ހިމެނޭކަމަށެވެ. މި ކަންކަން ހަފްތާތަކަކަށް ދެމިގެންދާއިރު މިކަންކަމަށް ވަކި ޚާއްޞަ ފަރުވާއެއް ނެތްކަމަށްވެސްވެއެވެ.

މިކަންކަން ހައްލުކުރުމަށް އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.